ސްޕެއިންގެ ބާސެލޯނާގެ މިއަދުގެ ފަރިތަކުރިން ފެށުމުގެ ކުރިން އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ، އަދި ފުޑުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި ސުކޫތެއް ނެގެސް އޭނާގެ ހަނދާން އާކޮށްފިއެވެ.
މިއަދުގެ ޓްރެނިން ފެށުމުގެ ކުރިން ގެނައި މިސުކޫތުގައި ބާސެލޯނާގެ ކެޕްޓަން ލައިނަލް މެސީހުރީ އެވަގުތު ކޮޅުގައި ވަރަށް މާޔޫސްވެ އިސްޖަހާލައިގެންނެވެ. މެސީއަކީ މަރަޑޯނާގެ ފަހުން އާރޖެންޑީނާގައި އުފެދުނު ދެވަނަ މަރަޑޯނާކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ކުޅުންތެރިޔާއެވެ. އަދި މަރަޑޯނާ ވަނީ އާރޖެންޑީނާގެ ގައުމީ ޓީމުގައި މެސީއަށް ކޯޗުކޮށްދީފައެވެ.
ފުޓުބޯޅައިގެ ރަންޒަމާނެއް ހޭދަކޮށްފައިވާ މަރަނޯނާ ވަނީ 1982 އިން 1984 އަށް ބާސެލޯނާއަށް ކުޅެދީފައެވެ. އޭނާ ބާސެލޯނާގައި ހޭދަކުރި ދުވަސްތަކަކީ ވަރަށް ކާމިޔާބު ދުވަސްތަކެކެވެ. އޭނާ ވަނީ ބާސެލޯނާއަށް ކޮޕަޑެލެރޭއާއި، ސްޕެނިޝް އެނުއަލް ނެޝަނަލް ކަޕާއި، ސްޕެނިޝް ސުޕަކަޕް ކާމިޔަބުކޮށްފައެވެ. މަރަޑޯނާ ބާސެލޯނާއަށް ބަދަލު ވެފައިވަނީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އާރޖެންޓީނާގެ ބޮކަޖޫނިއާސް އިން ރެކޯޑް ފީއަކަށެވެ. އެއީ 5 މިލިޔަން ޕައުންޑަށެވެ. ޑޮލަރުން ބަލާނަމަ އެއީ 7.6 މިލިޔަން ޑޮލަރެވެ.
Camp Nou mourns Maradona. pic.twitter.com/pSYrx666Lv
— FC Barcelona (@FCBarcelona) November 27, 2020
މަރަޑޯނާ ވަޅުލާފައިވަނީ ރަސްމީ އިއްޒަރުގައި މިއަދުއެވެ. ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު މަރަޑޯނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ އެގައުމުގެ ރައީސްގެ ބެއްލެވުމުގެ ދަށުން ރިޔާސީ ގަނޑުވަރުގައެވެ. މަރަޑޯނާ ވަޅުލާފައި ވަނީ އާޖެންޓީނާގެ މަޝްހޫރު "ބެއްލަ ވިސްޓާ ސިމެޓްރީ" ގައި އޭނާގެ މައިންބަފައިންގެ މަހާނައާ ޖެހިގެންނެވެ. ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ވަނީ މަރަޑޯނާގެ އާއިލާ އާއި ގާތް ރަހްމަތްތެރިންނަށާއި އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނަށް އެކަންޏެވެ.
އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުން އެމީހުން އެންމެ ލޯބިވާ ބަތޮލަށް އެންމެފަހުގެ އަލްވަދާއު ކިޔުމަށް ވެރިރަށް ބުއެނޮސް އައިރިސްގައި ހުންނަ ރިޔާސީ ގަނޑުވަރު ދޮށަށާއި "ބެއްލަ ވިސްޓާ ސިމެޓްރީ" ދޮށަށް އެއްވުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެތައް ހާސް ސަޕޯޓަރުން ހުއްޓުވުމަށް ސަލާމާތީ ބާރުތަކުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފައެވެ.
މަރުވުމާ ހަމައަށްވެސް ފުޓްބޯޅައަށް ހިދުމަތް ކޮށްދިނުމުގައި ކޯޗެއްގެ ގޮތުގައި ހުރި މެރެޑޯނާ މަރުވީ ބުދަދުވަހު އޭނާގެ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ.