ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
މިއީ ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސުން އަލަށް އިންތިހާބު ކުރި ކައުންސިލް މެމްބަރުންނާއެކުގައި އެ ޕާޓީގެ ބައްދަލުވުމެއް ބާއްވާ ދެވަނަ ފަހަރެވެ. މީޑިއާތަކަށް ސިއްރުކޮށްގެން ބާއްވާ މި ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު 12 ޖަހާއިރު ޖޭޕީގެ އޮފީސް ހުންނަ މ. ކުނޫޒުގައެވެ.
ކައުންސިލް ބައްދަލުވުމުގެ އެޖެންޑާ ހާމަކޮށްފައިވީ ނަމަވެސް، އެޖެންޑާގައި ރިޔާސީ އިންތިޚާބާއި ގުޅޭ އެއްވެސް ކަމެއް އެޖެންޑާކޮށްފައި ނުވެއެވެ. އެޖެންޑާގައި އޮތީ އެޕާޓީގެ އަސާސީ ގަވާއިދުގައިި ބުނާ ބައެއް މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމެވެ. އޭގެ ތެރޭގައި މެމްބަރޝިޕް ކޮމެޓީއާއި، ސްލޫކު ކޮމެޓީއާއި، އިސްތިއުނާފް ކޮމެޓީއާއި، ކެމްޕެއިން އަދި އިލެކްޝަން ކޮމެޓީއާއި، އެކްޓިވިޓީ އަދި ފަންޑް ރައިސިން ކޮމެޓީ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާގެ އެޖެންޑާގައި އެހެނިހެން ކަންކަން ވަނީ ހިމަނާފައެވެ. ނަމަވެސް އެކަންކަން ހާމަކޮށްފައި ނުވެއެވެ. ބެލެވޭ ގޮތުގައި މާދަމާގެ ކައުންސިލްގައިވެސް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދުގައި ގާސިމް ވެސް އަދި ވަކި ގޮތެއް ނުނިންމަވައެވެ. އެކަމަކު، ގާސިމްގެ އަރިސް ބޭފުޅުންނާއި ޖޭޕީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ވަނީ ގާސިމް ވެރިކަމަށް ގެންނެވުމަށް ވަރުގަދަ ކެމްޕެއިނެއް ފައްޓަވައިފައެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އަންނަ ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެ ގޮތެއް ނިންމުމުގެ ބާރު އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ދިނުމަށް އެޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ