ޓްރެފިކް ގަވާއިދާއި ޚިލާފުވުމުން އިބުރޭގެ ލައިސަންސް އަތުލައި ޖޫރިމަނާކޮށްފި

ޓްރެފިކް ގަވާއިދާއި ޚިލާފުވުމުން އިބުރޭގެ ލައިސަންސް އަތުލައި ޖޫރިމަނާކޮށްފި

ޓްރެފިކް ގަވާއިދާއި ޚިލާފްވުމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ޖޫރިމަނާކޮށްފިއެވެ.

ޓްރެފިކް ގަވާއިދާއި ޚިލާފްވުމުން އޭނާ ޖޫރިމަނާ ކުރުމާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އިބުރޭ ވިދާޅުވީ އޭނާ ދިޔައީ ސްކޫލު ޔުނިފޯމުގައި ހުރި ކުއްޖެއް ގޮވައިގެން ކަމަށާއި ދިޔަ މަގުމަތީ އޮރެންޖު ލައިޓް ދިއްލިފައި ހުއްޓާ މަގު ހުރަސްހުރިކަމަށް ބުނެ އޭނާގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

އޭނާ ޖޫރިމަނާ ކުރި ފުލުސް އޮފިސަރު އޭނާއާއި ވާހަކަ ދެއްކީ ވަރަށް ހުތުރުކޮށް ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ޓްރެފިކް މައްސަލައެއްތޯ ނޫނީ ސިޔާސީ މައްސަލައެއްތޯ އޭނާ ވަނީ ސީޕީ ހަމީދާއި ސުވާލު ކުރައްވާފައެވެ.

ޔުނީފޯމްގައި ހުރި ސްކޫލް ކުއްޖެއް ގޮވައިގެން ދަނިކޮށް ހުއްޓުވާ ވަރަށް ހަޑިކޮށް ވާހަކަ ދައްކާ «އޮރެންޖް ލައިޓް» ދިއްލިފާ ހުއްޓާ ހުރަސްކުރި ކަމަށްބުނެ ލައިސަންސް ކާޑު އަތުލައި ޖޫރިމަނާ ސްލިޕެއްދީފި، މީ ޓްރެފްކް މައްސަލައެއްތޯ ނޫނީ ސިޔާސީ މައްސަލައެއްތޯ.

– ވަހީދު ވިދާޅުވިއެވެ.

މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރުން 11 މިލިއަންއަށްވުރެ ގިނަ ރުފިޔާ އާމްދަނީގެގޮތުގައި ވަނީ ހޯދައިފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 11.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިފަހަކުން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ފާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ސްޓިކާ ޖަހައި، ގިނަ އުޅަނދުތަކެއް ޓޯވެސް ކޮށްފައެވެ.

އަހަރު ދެމަހުގެ ތެރޭގައި ޖުރިމަނާ ކޮށްގެން 11 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި 82.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން 62.4 މިލިއަން ރުފިޔާ ހޯދާނެ ކަމަށް އަންދާޒާކުރި އިރު، އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *