ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ބަދަކލު ކުރުމަށްޓަކައި، ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމަންޓްރޫ ގްރޫގެ ދެމެމްބަރުން ކަމަށްވާ، އިބްރާހިމް ރަޝީދު، ބޮންޑޭއާއި، ހަސަން އަފީފް އިދިކޮޅު ޕީޕީއެމްއާއި ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު ދީފިއެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ފުލުހުންގެ ބިލުގެ ބަހުސްގައި މި ދެމެމްބަރުން ވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށާއި، މިހާރުގެ ވެރިކަން ހިންގަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މިދެބޭފުޅުންގެ ވާހަކަތަކާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދެ ބޭފުޅުން ޕީޕީއެމާ ގުޅުމަށް ދައުވަތު ދެއްވައިފައެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިގޮތުގައި، އަފީފާއި ބޮންޑޭ އަކީ ވެސް ވަރަށް ތަޖުރިބާ ހުރި ދެ ބޭފުޅުން ކަމަށާއި ވެރިކަން މިހާރުގެ ވެރިކަން ބަދަލުކުރުމަށް އެ ދެ މެމްބަރުން މުހިންމު ވާނެ ކަމަށެވެ.
އަފީފްއާއި، ބޮންޑޭ އަށް ޕީޕީއެމްއަށް ދައުވަތު އަރުވަން. އަވަހަށް ވަޑައިގަންނަވާ! ދެ މެމްބަރުންނަކީވެސް ވަރަށް ތަޖުރިބާކާރު ދެބޭފުޅުން. މިވެރިކަން ބަދަލު ކުރުމަށް އެސެޓަކަށް ވާނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރު ރަޝީދު ވަނީ އެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އޭނާ ފާހަގަކުރެއްވީ ފުލުހުންގެ ވަޒީފާ ދިނުމުގެ ކުރިން ބެކްގްރައުންޑު ޗެކު ހެދުމުގައި ލުއި ދިނުމާ ގުޅޭ ކަންބޮޑުވުންތަކެވެ.
އެކަން ފާހަގަކޮށް، އެމްޑީޕީގެ ނަޝީދު ފެކްޝަނުގައި ހުންނަވާ އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅަމުން އަންނަ ބިލުތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.
މިބަހުސްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، އެމްޑީޕީން އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތުމުން ބޭނުން ގޮތަކަށް ފާސް ކުރެވިދާނެ ކަމަށެވެ. އެމްޑީޕީގެ ޕީޖީން އެ ބިލަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރޭނެ ކަމަށާއި އެ އަށް ވޯޓު ނުދީފި ނަމަ އަނެއްކާވެސް ފިޔަވަޅު އަޅާނެ ކަމަށް އަފީފް ވިދާޅުވިއެވެ. ނަަމަވެސް ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރިޔަސް މިހާރު މައްސަލައެއް ނެތް ކަމަށް އެމްޑީޕީގެ އެންމެ ސީނިއާ އެއް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވުމުގެ ވާހަކަ އަފީފް އާއި ބޮންޑޭ ދައްކަވާއިރު އެ ޕާޓީގެ ވިޕްލައިންތަކާ ހިލާފުވި މައްސަލާގައި ޕީޖީން މިހާރު ވެސް ވަނީ އެކި ފަހަރުގެ މަތިން ފިޔަވަޅު އަޅައިފަ އެވެ. އެ ޕާޓީގެ ޕީޖީން މިހާރު އަންނަނީ އަޅާ ފިޔަވަޅުތައް އިތުރަަށް ހަރުކަށިކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވަދަ ނުކުރެވޭ ގޮތް ހަދަން ވެސް މަސައްކަތް ކުރަމުންނެވެ. ފިކުރެއްގެ ދިރުން ފެކްޝަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމަށް ފަހު ދަނީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.