ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމުން އަރައި ގަތުމަށް ރަނގަޅު ޢިލްމީ ދިރާސާތައް ކުރުން ވަރަށް ބޭނުންތެރި ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހަލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ޑރ.ޝަހީމް ވިދާޅުވީ މިއަދު ރާއްޖެ އޮތް ހާލަތުން އަރައި ގަތުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިކަމުން އަރައިގަނެވޭނީ ރަނގަޅު ދިރާސާތަކެއް އެކުލަވާލެވި އެކަންކަމުގެ މައްޗަށް މަސައްކަތް ކުރެވިގެން ކަމުގައެވެ. އެގޮތުން ދަރަނި ކުޑަކޮށް އިޤުތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރެވިދާނެ ގޮތްތަކަކާ މެދު ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުން ޢިލްމީ ދިރާސާތައް ކުރުމަކީ މިވަތު ކޮންމެހެންވެސް ބޭނުން ތެރި ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި ކުޑަކޮށް އިޤުތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރެވިދާނެ ގޮތްތަކަކާ މެދު ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުން ޢިލްމީ ދިރާސާތައް ކުރުން ވަރަށް ބޭނުންތެރި. ދިވެހިރާއްޖެއަކީ އުފެއްދުންތެރި، ފުދުންތެރި ހަރުދަނާ އިޤުތިޞާދެއް އޮތް ޤައުމަކަށް ހެދިދާނެ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް މިފަދަ ވާހަފުޅެއް ވިދަޅުވެފައިވަނީ ސަރުކާރުން ދަނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާ ވަގުތެއްގައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެކެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުުވާނެކަމަށް ލަފާކުރެއެވެ. އަންނަ އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަމަށް ލަފާކުރެވޭއިރު މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.
އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ