ތާރީޚީ ބިނާ "އުސްގެކޮޅު" ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، އިންޓަރެކްޓިވް މިއުޒިއަމްއަކަށް ބަދަލުކުރަނީ

ތާރީޚީ ބިނާ "އުސްގެކޮޅު" ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، އިންޓަރެކްޓިވް މިއުޒިއަމްއަކަށް ބަދަލުކުރަނީ

Author
އަހުމަދު
28 ޖޫން 2026 05:17
0

މާލޭގެ ސަލްޓަން ޕާކުގައި ހުންނަ އާސާރީ ބިނާ ކަމަށްވާ "އުސްގެކޮޅު" އަށް ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެން، އެތަން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މިހާތަނަށް މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި މި ތާރީޚީ ބިނާގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އަދި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ވިދާޅުވެފައެވެ. އުސްގެކޮޅަށް ގެއްލުންދިން މައްސަލަ ފުލުހުންނާ ގުޅިގެން ސަރުކާރުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ އުސްގެކޮޅު ހިމެނޭހެން އެ ސަރަޙައްދުގައި ރާއްޖެއިން ބޭރުން ފެންނަ ފަދަ ޒަމާނީ، އިންޓަރެކްޓިވް މިއުޒިއަމްއެއް ތަރައްޤީކުރުމަށެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އެތަން ސަރުކާރާ ޙަވާލުކުރުމަށް މަޝްވަރާކޮށް، ލިޔުމުން އެތައް ފަހަރަކު ސިޓީ ކައުންސިލަށް ހުށަހެޅުމުންވެސް މިހާތަނަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެއެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ ގެކޮޅެކެވެ. މިއީ ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާއަށް ވާއިރު، މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް ހަމަ މި ޢިމާރާތުގައެވެ. މިއީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު، އަދި އާމްދަނީ ހޯދުމަށްވެސް ބޭނުންކުރެވިދާނެ މުހިންމު ތަރިކައެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.