ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލްއިން މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލްއިން މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

Author
އަހުމަދު
28 ޖޫން 2026 05:22
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވެދާނެ ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ ތިން މުއައްސަސާއަކާއެކު މިއަދު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.

އެމްއޭސީއެލްއިން މި އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) ގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކުގައެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ކުއްލި ހާލަތްތަކުގައި ކޮންމެ މުއައްސަސާއަކުން އަދާކުރާނެ ދައުރު ސާފުކޮށްދީ، ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ކުރިއަށް ގެންދިއުމެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާތަކުގައި ސޮއިކުރެއްވިއިރު، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މައި ދޮރާށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެފައިވާ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.