އިންޑިއާގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، މިއަހަރުގެ ތެރޭގައި އެނބުރި ޤައުމަށް ވަޑައިގަންނަވާނެކަން އިޢުލާންކުރައްވައިފިއެވެ.
ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ވެރިކަން ވެއްޓުމުން، ފާއިތުވި ދެ އަހަރު ދުވަހު އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ހަސީނާ ވަނީ، އޭނާ އެނބުރި ޤައުމަށް ވަޑައިގަތުމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެކަމަށް އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް ސިޔާސީ ބާރުކަން ފާހަގަކުރައްވައި، ސަރުކާރުން އެ ޕާޓީއަށް ހުރަސްއެޅުމަކީ ޤައުމުގެ މިނިވަންކަމަށް ދެވޭ ޙަމަލާއެއްކަމަށް ހަސީނާ ސިފަކުރެއްވިއެވެ.
ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު ބަންގްލަދޭޝްގެ އާ ސަރުކާރުން ވަނީ އަވާމީ ލީގުގެ ޙަރަކާތްތައް މަނާކޮށް، ހަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި އޭނާ އަނބުރާ ޤައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝްއިން އިންޑިއާ ސަރުކާރުގައި އެދިފައިވީ ނަމަވެސް، އިންޑިއާއިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފައެވެ.
މީގެ އިތުރުން، މިމަހުގެ 23 ވަނަ ދުވަހު އައި އަވާމީ ލީގު އުފެދުނުތާ 77 އަހަރު ފުރުނު ދުވަސް ފާހަގަކުރުންވެސް ބަންގްލަދޭޝް ސަރުކާރުން މަނާކޮށްފައިވާއިރު، ވަރުގަދަ ސެކިއުރިޓީއަކާއެކު ފުލުހުން ވަނީ އެ ޕާޓީގެ ގިނަ ޢަދަދެއްގެ އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ