އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެލެވޭނެ ފިކުރެއްނޫން: ނަސީމް

އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެލެވޭނެ ފިކުރެއްނޫން: ނަސީމް

Author
މުޙައްމަދު ޝަޒައިމް
27 ނޮވެމްބަރ 2020 03:30
0

އެމްޑީޕީއަކީ ރާއްޖެއަށް ސިޔާސީ ކަންކަން ތަޢާރަފްކޮށް، ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕާޓީ ސިސްޓަމާއ،ި ޑިމޮކްރަސީ ތަޢާރަފްކުރި ޕާޓީކަމަށާއި، އެމްޑީޕީގެ ފިކުރު ދުވަހަކުވެސް ރާއްޖެއިން ފޮހެ ނުލެވޭނެކަމަށް އެމްޑީޕީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތަޖުރިބާ ހިއްސާ ކުރައްވައި ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަޔާތުގެ ފެށުމަކީ އެމްޑީޕީ ކަމަށެވެ. ސިޔާސީ ޕާޓީތަކާއި، ރިޔާސީ ނިޒާމާއި، ރާއްޖެ މިއަދު މެދެކޭ ހުރިހާ ބަދަލެއް ތަޢާރަފްކުރީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީ އުފެދިގެން އައިގޮތާއި އެމްޑީޕީގެ މުސްތަޤުބަލާއި ގުޅޭގޮތުން ނަސީމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހައްގުތަކަށް ވަކާލާތުކޮށް، ހަމަހަމަ ފުރުސަތު ހޯދުމަށް ވަކާލާތު ކުރާ ފިކުރެއްކަމަށެވެ.

އެމްޑީޕީގެ ވަސްވެސް މިޤައުމުން ފޮހެލާނެކަމަށް ސިޔާސީ ފަރާތްތަކުން ދައްކަވާފައިވާ ވާހަތަކަށް އިޝާރާތް ކުރައްވައި ނަސީމް ވިދާޅުވީ މިއަދު ސިޔާސީ މަސްރަހުގައި މިގެންގުޅޭ ހުރިހާ ބަހުރުވައަކީ އެމްޑީޕީން ތަޢާރަފްކުރި ނަސްތަކާއި، އީޖާދު ކުރި ކަންތައްތަކެއް ކަމަށެވެ. އަދި މިއަދު މިޤައުމުގައި އުފެދިފައިވާ މިނިވަން މުއައްސަސާތަކާއި، ކޮމިޝަންތަކާއި، ޓެކްސްގެ ނިޒާމާއި، އާސަންދަ ފަދަ ހަރުދަނާ ނިޒާމުތަކަކީ އެމްޑީޕީން މިޤައުމަށް ތަޢާރަފް ކޮށްފައިވާ ސިޔާސަތުތަކެއް ކަމަށް ނަސީމް ވިދާޅުވިއެވެ. މިހަގީގަތްތަކަކީ ބަދަލު ކުރަން ކިތަންމެ ވަރަކަށް މަަސއްކަތް ކުރި ކަމުގައި ވީނަމަވެސް މިއީ ބަދަލު ނުކުރެވޭނެ ހަގީގަތްތަކެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުން އެމްޑީޕީ ފޮހެނުލެވޭނެ. އެމްޑީޕީއަކީ މިއަދު ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅުންނަށް މިކަން ތަޢާރަފްކުރި ޕާޓީ. މިއަދު ސިޔާސީ މައިދާނުގައި ބޭނުން ކުރެވޭ ހުރިހާ ބަސްތަކެއްވެސް ތަޢާރަފްކުރީ އެމްޑީޕީން. މިއީ ފިކުރެއް. ވަރަށް އުދަގޫވާނެ އިގޭތޯ އެމްޑީޕީ މިޤައުމުން ފޮހެލަން. އެކަން ނުކުރެވޭނެ.

– ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި އެކަން ވެދާނެކަމަށް އޭރުގެ ރައީސް މައުމޫންވެސް އަދި މިރާއްޖޭގެ އެއްވެސް ރައްޔިތަކުވެސް ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ލަންކާއި ކުރި ބުރަ މަސައްކަތުން ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކޮށް، އެންމެ ފަހުން ވެރިކަމަށްވެސް އާދެވުނުކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ދިވެހިރާއްޖޭގައި މިހާރު މިއޮތް ގިނަ ޕާޓީއެކުލެވޭ ނިޒާމުގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން މަދު ބޭފުޅުންތަކެއް ފެށްޓެވި ސިޔާސީ މަސައްކަތުގެ ނަތީޖާއެއް ގޮތުން ސިޔާސީ ޕާޓީތައް އުފެއްދުމަށް ރާއްޖޭގައި ހުއްދަދޭން އޭރުގެ ސަރުކާރުން ނިންމެވިއެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވުމާއެކު 2005ވަނަ އަހަރުގެ ޖޫން 26ވަނަ ދުވަހު ރަސްމީކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީކުރިއެވެ. އެއީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ތާރީޚީ ދުވަހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.