އެމްޕީއެލްގެ ޑޭ ކެއަރ މިމަހު ހުޅުވޭނެ

އެމްޕީއެލްގެ ޑޭ ކެއަރ މިމަހު ހުޅުވޭނެ

Author
އަޒްފާ ރަޝީދު
07 މާރޗް 2023 01:38
0

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް އެމްޕީއެލްގެ ޑޭ ކެއަރ ސެންޓަރުގެ ޙިދުމަތް މިމަހުގެ ތެރޭގައި ފަށައިގަނެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

ސަރުކާރު ކުންފުނިތަކުން ފެށި ޑޭކެއާގެ ޚިދުމަތުގެ ދަށުން އެމްޕީއެލްގައި ހުޅުވުމަށް ހަމަޖެހިފައިވާ ޑޭ ކެއަރ ސެންޓަރު ހުޅުވުމުގެ މަސައްކަތްތައް ނިމި މިމަހުގެ ތެރޭގައި އެތަނުގެ ޙިދުމަތް ފެށޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިއީ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ޑޭ ކެއަރ ސެންޓަރެއް ގާއިމް ކުރެވޭ ދެވަނަ ކުންފުނިވެސްމެއެވެ. އެންމެ ފުރަތަމަ މި ޙިދުމަތް ފެށާފައިވަނީ ސްޓެލްކޯއިންނެވެ.

އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ޑޭ ކެއަރ ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ޢިމާރާތުގެ އިންޓީރިއާ ހުރިހާ މަސައްކަތެއްވެސް ނިމިފައިވާކަމަށާއި ފަރުނީޗަރު ހަމަކޮށް ކުދިންނަށް ބޭނުންވާ އެކި ވަޞީލަތްތައްވެސް ޤާއިމުކޮށް ނިމިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ކުރިމަތިވާ އެކި ދަތިތައް ޙައްލުކޮށްދީ މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެފަދަ ތަނަކަށް ހެދުމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޚާއްސަ އިސްކަމެއްދޭކަމެއްކަމަށް އެކުންފުނިން ބުނެއެވެ.

ފަހުރުވެރި ޢާއިލާއެއް ބިނާކުރުމާއެކު އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެކަމަށް މަގުފަހިކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ސަރުކާރުން ދަނީ ގެންނަމުންނެވެ. މިގޮތުން ވިހެއުމުގެ ސަބަބުން މަންމައަށާއި ބައްޕައަށް ޗުއްޓީ ދޭ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ސަރުކާރުގެ މަސްއޫލުވެރި ޒިންމާދާރު މަޤާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އިސް މަޤާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު ވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން ޤާނޫނުތައް އިސްލާހުކޮށް، އިންތިޚާބީ މަޤާމުތަކުގައި ތިބޭ އަންހެނުން އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.