ކުރިއަށް ރިޔާސީ އިންތިޚާބުގައޮ ޖުމްހޫރީ ޕާޓީން ޢަމަލުކުރާނެ ގޮތެއް ބެލުމުގެ ޝައުޤުވެރިކަން ބޮޑުވެފައިވަނިކޮށް އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ މެންދުރުފަހު ބާއްވަން ތާފަލްކޮށްފިއެވެ.
މިބައްދަލުވުމާ ގުޅޭގޮތުން އެޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙުވަނީ ސެކްރެޓަރީ ޖެނަރަލް ޢަލީ ޢާރިފްގެ މެސެޖެއް ހާމަކުރައްވާފައެވެ. އެމެސެޖުގައި ވާގޮތުން މާދަމާގެ ބައްދަލުވުމަކީ އެޕާޓީގެ ކައުންސިލްގެ 150ވަނަ ބައްދަލުވުމެވެ. އެއީ ޢާންމު އުސޫލުން ބާއްވާ ކައުންސިލް ބައްދަލުވުމެކެވެ.
މ.ކުނޫޒުގައި ބާއްވާ މިބައްދަލުވުމުގެ އެޖެންޑާއަށް ބަލާއިރު އޮތީ އެޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ޕާޓީގެ އެތެރޭގެ ބައެއް ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ. އަދި ބައެއް މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރުމާމެދު ގޮތެއް ނިންމުމެވެ.
މީގެ އިތުރުން އެހެނިހެން ކަންކަމާބެހޭ ބައެއްވެސް އެޖެންޑާގއިވެއެވެ. ޢަލީ ޞާލިޙް ވިދާޅުވީ މިކަންކަމުގެ އިތުރުން އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތްކަމަށެވެ.
ކުރިއަށް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަކިން ވާދަކުރައްވަން ގޮލާލައި އެޕާޓީގެ ކޮންގްރެސްއިން ވަނީ ޤަރާރެއް ފާސްކޮށްފައެވެ. އެޤަރާރާމެދު ޢަމަލުކުރަންޖެހޭ ގޮތެއް ކަނޑައެޅިގެންދާނީ ޕާޓީގެ ކައުންސިލުން ނިންމާ ގޮތަކުންނެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ނިމުނުފަހުންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޤާސިމާ ބައްދަލުކުރައްވާފައެވެ. ރައީސް ޞާލިޙުގެ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނުވަނީ ޤާސިމަށް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ޤާސިމް އަދި ވަކިގޮތެއް ނުނިންމަވައެވެ. އޭނާ ވިދާޅުވީ މިކަމުގައި ވަކިގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
ކޮމެންޓު ފޮނުވާ