ކުޑަކުދިންތަކަކާއި ޖިންސީ ގުޅުން ހިންގުމާއި، ޖިންސީ ގޯނާ ކުރުމާއި، ބަދުއަހްލާގީ އަމަލުތަކުގެ އިތުރު ތުހުމަތުތަކެއް ވެސް ކުރެވިފައިވާ ފިލްމީތަރި ފާތިމަތު ރިހުލާ ބަންދުން ދޫކޮށްލައިފިއެވެ.
ރިހުލާ ބަންދުން ދޫކޮށްލާފައިވަނީ ބަނޑުބޮޑުވުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލިއިރު، މައްސަލާގައި ހިމެނޭ ކުދިންނާއި، ހެކިބަސްދޭ ފަރާތްތަކާ ބައްދަލުނުކުރަން ޝަރުތުކޮށްފައިވެއެވެ. ރިހުލާ ބަންދުން ދޫކޮށްލާފައިވާކަން ކަރެކްޝަނަލް ސާވިސް އިން ވަނީ ކަށަވަރު ކޮށްދީފައެވެ.
މި މައްސަލާގައި ދައުވާކޮށްފައިވަނީ ރިހުލާގެ އިތުރަށް އޭނާގެ ފިރިމީހާ ޔުނާނުގެ މައްޗަށެވެ. ޔުނާނުގެ މައްޗަށް 9 ދައުވާއެއް ކުރިއިރު ރިހުލާގެ މައްޗަށް އުފުލާފައިވަނީ ފަސް ދައުވާއެކެވެ. އެ ދެ މީހުންނަށް ތުހުމަތުވަނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އެކި ދުވަސްތަކުގެ މަތިން ކުޑަ ފިރިހެންކުއްޖަކާއެކު ޖިންސީ އަމަލުތަކެއް ތަކުރާރުކޮށް ހިންގާފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ އޮކްޓޯބަރު 4، 2020 ގައެވެ.
ޔުނާން އަކީ ވެސް ފިލްމީތަރިއެކެވެ. ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިހާރު ވެސް ހުޅުމާލޭ ކޯޓުގައި ކުރިއަށް އެބަދެއެވެ. އެމީހުންގެ މައްޗަށް އަދި މިހާތަނަށް ހުކުމެއް އިއްވާފައެއް ނުވެއެވެ.
ރިހުލާގެ މައްޗަށް ކުރާ 5 ދައުވާގެ ތެރޭގައި ހިމެނެނީކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެކު އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއެކެވެ. ރިހުލާގެ މައްޗަށް ވެސް އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އުފުލާފައި ވެއެވެ.
މި މައްސަލާގައި ރިހުލާ އަދި ޔުނާނުވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރިއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށިގެން މިހާރު ދަނީ ކުރިއަށެވެ. އަދި ހުކުމެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ