ހަމުގެ ބައެއް ބަލިތަކަށް ދޭ ފަރުވާއެއް ކަމަށްވާ ޔޫވީ ލައިޓް ފޮޓޯ ތެރަޕީގެ ޙިދުމަތް މިއަދުން ފެށިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޔޫވީ ލައިޓް ފޮޓޯ ތެރަޕީގެ ޚިދުމަތް އޭއީއެޗްއިން ފަށާފައިވާއިރު މިއީ އާންމުކޮށް ފެންނަ ހަމުގެ ބައެއް ބަލިތަކަށް ކުރާ މުހިންމު ފަރުވާއެކެވެ. މި ފަރުވާގެ ޚިދުމަތް ފަށާފައިވަނީ މި މާރިޗު މަހުގެ 1 އިން ފެށިގެންނެވެ. އަދި މި ފަރުވާ ދޭނީ ހަމުގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ފަރުވާއާއި ގުޅޭގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ޔޫވީ ލައިޓް ފޮޓޯ ތެރަޕީއަކީ ހަމުގެ އެކި ބަލިތަކަށް ދެވޭ ފަރުވާއެއް ކަމަށެވެ. މިގޮތުން ޕްސޯރިއޭސިސް، އެކްޒީމާ، ހަންގަނޑު ހިރުވުން އަދި ވިޓިލިގޯ ފަދަ ބަލިތަކަށް މި ފަރުވާ ދެވެއެވެ.
މީގެ ބައެއް ފައިދާ ތަކުގެ ތެރޭގައި ހަށިގަނޑުން ބަލި ފެންނަން ހުންނަ ތަންތަން ރަނގަޅުވުން، ބަލި ފެތުރުމުގެ މިންވަރު ދަށްވުން، އަދި ބަލި މަތަވުން ހިމެނެއެވެ. މިމުއްދަތު އެކި މީހުންނަށް ތަފާތު ވުމުން އެގޮތަށް ދެމެހެއްޓުމަށް ތެރަޕީ ނަގަން ޖެހިދާނެ ކަމަށް އޭއީއެޗްއިން ބުނެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގައި މާލޭ ސަރަހައްދުން ބޭރުގައި ހިންގާ ފުރަތަމަ ޓާރޝަރީ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ވަސީލަތް ޤާއިމް ވެފައިވާ ހޮސްޕިޓަލެއް ނަމަވެސް އިންސާނީ ވަސީލަތް މަދުވުމުގެ ދަތިކަން ހޮސްޕިޓަލަށް ވަނީ ކުރިމަތިވެފައެވެ. މިކަން ހައްލު ކުރުމަށް މިހާރުވެސް 29 ދިވެހި ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އިއުލާން ކޮށްފައެވެ.
ކޮމެންޓު ފޮނުވާ