ރަނިންގ މޭޓަކަށް ނަޝީދު! ގާސިމަށް އޮތް އެންމެ ރަގަޅު ފޯމިއުލާތަ؟

ރަނިންގ މޭޓަކަށް ނަޝީދު! ގާސިމަށް އޮތް އެންމެ ރަގަޅު ފޯމިއުލާތަ؟

Author
ހުސެއިން
01 މާރޗް 2023 08:37
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ 6 މަސްދުވަހަށް ވެފައިވާއިރު، އެހެން އަހަރުތަކާއި ޚިލާފަށް، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު އަމާޒެއް ހުރީ ރިޔާސީ އިންތިޚާބުގެ ކުރިން ކޯލިޝަންތަކުގައި ބައިވެރިވެ، ދެވަނަ ބުރަށް ދަތުރު ކުރެވޭނެ މަގެއް ފަހި ކުރެވޭތޯއެވެ.

މިގޮތުން ވެރިކަންކުރާ އެމްޑީޕީން މިހާރުވެސް ވަނީ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް، ސަރުކާރު ހިންގާ ޕާޓީތަކަށް ދައުވަތު ދީފައެވެ. އަދި، ސިޔާސީ މަސްރަހުގައި ހަރަކާތްތެރި ނޫން، ކުދި ބައެއް ޕާޓީތަކުން މިހާރުވެސް ވަނީ ރައީސް ސާލިހާއި ބައިއަތުހިފާ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް އެއްބަސް ވެފައެވެ. އޭގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެޕާޓީތަކުގެ ކައުންސިލްތަކުން ނިންމާފައިވާއިރު، ޕާޓީގެ މެމްބަރުޝިޕް ދާދިފަހުން 3،000 އަށްވުރެ ދަށަށް ދިޔަ، އެމްއާރުއެމްއިންވެސް ދަނީ ވެެރިކަންކުރާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

އެމްޑީޕީއާއެކި އަދި މިހާތަނަށް ކޯލިޝަން ހެދުމަށް ނިންމާފައިވަނީ, ސިޔާސީ ގޮތުން ހަރަކާތްތެރިނުވާ ކުދި ޕާޓީތަކުން

އެހެންނަމަވެސް، މާބޮޑު ތާއީދެއް ނެތް، އަދި ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެސް ނޫން، އިސްވެ ދެންނެވުނު ބައެއް ޕާޓީތަކުން ރައީސް ސާލިހާއެކު ކޯލިޝަން ހެދުމަށް ނިންމި ނަމަވެސް، އެ ނިންމުންތަކަށްވުރެ ބޮޑަށް ގިނަ ބައެއްގެ ޝައުގުވެރިކަން މިވަގުތަށް ހުއްޓިފައިވަނީ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، އެމްޑީޕީ ފިޔަވާ ދެން އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް ޖުމުހޫރީ ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ނިންމާނެ ނިންމުމަކަށެވެ.

އައި ވަކީން ޚާއްސަކޮށް، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުންތަކާއެކު، 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ބަލިކުރުމަށް އަމާޒު ހިފާފައިވާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި ގާސިމް އިބުރާހިމް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދާ، ވަރުގަދަ ގުޅުމެއްގެ ގޮތުގައި މިއިންތިޚާބުގައި ވާދަކޮށްފާނެ ކަމަށް މިހާރު ހީކުރެވެމުންދާ ހީކުރުންތަކާއެކު، ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން މި ދެބޭފުޅުން ކުރިޔަށް އޮތްތަނުގައި ނިންމަވާނޭ ނިންމުމަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން މިހާރުވެސްވަނީ ވަރަށްވެސް ބޮޑަށް ހުއްޓިފައި ކަމުގައި ދަންނަވާން ޖެހެއެވެ.

 

ގާސިމްއާއި ނަޝީދުގެ ކޯލިޝަނެއް!

ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ރައީސް ސާލިހާއެކީ ކުރައްވާނެ އެއްވެސް މަޝްވަރާއެއް ނެތް ކަމުގައެވެ.

އަދި، ރައީސް ސާލިހާއި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރި ޖަލްސާއަށް ނަޝީދު ވަޑައިގެންފައި ނުވާއިރު، ނަޝީދު ގެންދަވަނީ ޕާޓީގެ އެތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަމުންނެވެ.

މިގޮތުން ނަޝީދުގެ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތަށް ތާއީދުކުރާ ފަރާތްތަކުންނާއި، އަދި ޚުދު ނަޝީދުގެވެސް ބަސްމަގާއި އަމަލުތަކުން ސާބިތު ކޮށްދެއްވަމުން ގެންދަވަނީ، 2023ގެ ރިޔާސީ އިންތިޚާބުގައި އެބޭފުޅުންގެ ތާއީދު އޮތުމުގެ ފުރުސަތު އޮތް ހަމަ އެކަނި ބޭފުޅަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ކަމެވެ.

އޭގެ އެންމެ ބޮޑު އެއް ހެއްކަކީ، ނިމިދިޔަ، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްއެވެ. މިކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތަށްވެސް އަދި ނިންމުމުގެ ރަސްމިއްޔާތަށްވެސް ވަޑައިގެން އެމްޑީޕީ ތަމްސީލު ކޮށްދެއްވާފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ވަކީން ޚާއްސަކޮށް، ގައުމީ ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގައި، ގާސިމް އިބުރާހިމް ދެއްކެވި ވާހަކަފުޅުތަކުގައި ނަޝީދަށް ތައުރީފް ކުރައްވާ ވާހަކަ ދެއްކެވުމުގެ އިތުރުން، ރައީސް ސާލިހުގެ ޚިދުމަތްތައް ފާހަގަ ކުރެއްވުމުގެ ބަދަލުގައި، އެތައް ފަހަރެއްގެމަތިން ސަރުކާރަށް ގާސިމް ފާޑު ވިދާޅުވި ވިދާޅުވުން އެކަން ގިނަބަޔަކަށް މޭރުން ކުރެވިފައިވަނީ، އެއީ ހަގީގަތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމުހޫރީ ޕާޓީގެ މިސްރާބު ހުރިގޮތް ކަމުގައެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ގާސިމްވަނީ ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ

އަދި ގައުމީ ކޮންފަރެންސުގައި، ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައި ވަނިކޮށް، އެޕާޓީގެ ލީޑަރުގެ އެޑްވައިޒަރުކަމަށް އައްޔަން ކުރައްވާފައިވާ އިލްހާމް އަހުމަދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ނަޝީދުގެ އަރިސް ބޭފުޅުންނާއެކު މި ހަފްތާގައި ބޭއްވި ބައްދަލުވުމަށްފަހު، ރިޔާސީ އިންތިޚާބަށް ނަޝީދާއި ގާސިމް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަން މިހާރުމިވަނީ ކަށަވަރުވެ ޔަގީން ކުރެވިފައެވެ.

އެހެންނަމަވެސް، ޔަގީން ކުރެވިފައި ނުވާ ކަމަކީ، މި ދެބޭފުޅުންގެ މެދުގައި އުފެދިގެންދާ ކޯލިޝަނެއް އޮންނާނެ ގޮތެއްގެ ތަސައްވުރެވެ. ގާސިމް-ނަޝީދުގެ ކޯލިޝަނެއްގައިވެސް ޓިކެޓްގައި ވާދަ ކުރައްވާނީ ގާސިމްކަމާމެދަކު ގިނަ ބަޔަކު ޝައްކު ނުކުރި ނަމަވެސް، ރަނިންގމޭޓަކަށް ވެވަޑައިގަންނަވާނީ ސީދާ ނަޝީދު ތޯ، ނުވަތަ ނަޝީދުގެ ތާއީދުއޮތް އެމަނިކްފާނުގެ އަރިސް ބޭފުޅެއްތޯ ކުރެވޭ ސުވާލުތަކެވެ.

 

ރަނިންގ މޭޓަކަށް ނަޝީދު، ނުވަތަ އަރިސް ބޭފުޅެއް!

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި، ރައީސް ސާލިހާއި ވާދަކުރުމުގެ ހަކަތައެއް، އިދިކޮޅު ޕީޕީއެމްގެ އިތުރުން ކިރިޔާވެސް ދެން ހުންނާނީ ގާސިމްއާއި ނަޝީދު އެކުވެގެން އުފައްދާ ކޯލިޝަނެއްގައިކަމަށް ގިނަބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ.

އެއީ ޖުމުހޫރީ ޕާޓީއަކީވެސް ގިނަކަންޏާ ވާދަކޮށްގެން ތާއީދެއް އުފެއްދޭނޭ ވަރުގެ ބޮޑު ތާއީދެއް އާންމުގެ ތެރޭގައި އޮތް ޕާޓީއަކަށް ނުވެފައި، އެމްޑީޕީގެ އެތެރޭގައި އުފެދިގެން ގޮސްފައިވާ ކޯޅުންތަކާއެކު، ނަޝީދުގެ "ސިޔާސީ ސައިޒަށް"ވެސް އައިސްފައިވާ ހީނަރުކަމާއެކު، ވަކީން ވާދަކޮށްގެން ނަޝީދަށްވެސް ސަރުކާރާއި ޗެލެންޖު ނުކުރެވޭނެކަން ފާއިތުވެދިޔަ ތަނުގެ ނަތީޖާތަކުން ކަށަވަރުވެ ޔަގީން ކުރެވިފައި ވާތީއެވެ.

އެހެންނަމަވެސް، އެމްޑީޕީގެ އެތެރޭގައި އަދިވެސް ނަޝީދަށް އޮތް ބޮޑު ތާއީދާއެކީ، ގާސިމްގެ އަތުގައި ނަޝީދު ހިތްޕަވާ، ގާސިމް އިބުރާހިމްގެ ޓީމުން ނަޝީދާއި ގުޅިއްޖެނަމަ، ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްލެވޭވަރުގެ ސިޔާސީ ހަކަތައެއް މިދެބޭފުޅުންނަށް އުފެއްދިދާނެކަމަށް ގިނަބަޔަކު ދަނީ ހިސާބު ޖަހަމުންނެވެ.

ގާސިމް-ނަޝީދު ކޯލިޝަނެއްގައި އެންމެ ބޮޑު ތާއީދެއް ހޯއްދެވޭނީ ސީދާ ނަޝީދު ރަނިންގ މޭޓަކަށް ވެވަޑައިގަތުމުން ކަމުގައި ގިނަބަޔަކު ގަބޫލުކުރޭ

އަދި ގިނަބަޔަކު ދެކޭ ގޮތުގައި މިފަދަ ކޯލިޝަނެއްގައި ގާސިމްގެ ރަނިންގ މޭޓަކަށް ވެވަޑައިގަންނަވާނީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނުވަތަ، ރައީސްކަން ކުރައްވާފަ ހުންނެވި ބޭފުޅަކު، މާބޮޑަށް ފަހަތައް ޖެހިވަޑައިގެން ރަނިންގ މޭޓެއްގެ ގޮތުގައި ނިކުންނަވަން ބޭނުން ނުވެދާނެފަދަ ހަލަތެއް އަތުވެއްޖެނަމަ، ދެން ރަނިންގ މޭޓަކަށް ވެވަޑައިގަންނަވާނީ، ނަޝީދުގެ އެންމެ އަރިސް ދެތިން ބޭފުޅުންގެ ތެރެއިން ބޭފުޅެއްކަމީ ކަށަވަރުވެ ޔަގީންވާން އޮތްކަމެކެވެ.

އެހެންނަމަވެސް އެފަދަ ހާލަތެއްގައިވެސް އެއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ރަގަޅު ފޯމިއުލާ ކަމުގައި ވެގެން ހިގައިދާނެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ހަގީގީ މަގުސަދަކީ، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްވުރެ ބޮޑަށް ނުވަތަ ގާސިމަށް ވެރިކަން ހޯދާ ދިނުމަށްވުރެ ބޮޑަށް، ރިޔާސީ އިންތިޚާބުން ރައީސް ސާލިހު ބަލިކުރުން ކަމަށް ވެގެން ދާނޭކަމަށް ގަބޫލުކުރެވޭތީއެވެ. 2023ގެ ރިޔާސީ އިންތިޚާބަށްވުރެ ބޮޑަށް، ކޮންމެފަދަ ފޯމިއުލާއެއް ޖައްސަވައިގެން ނަމަވެސް، އެމްޑީޕީގެ ކޮންޓްރޯލް ނެންގެވުންކަމަކީ ނަޝީދުގެ ހަގީގީ މަގުސަދު ކަމުގައި ވެގެންދާނެތީއެވެ.

އެހެންކަމުން، އެމަގުސަދު ހާސިލް ކުރުމުގައި ގާސިމަށް ވެރިކަން ހޯދާ ދިނުމާއި ނުވަތަ އިދިކޮޅު ޕީޕީއެމްއަށް ވެރިކަން ލިބުމާ ދެމެދު ނަޝީދަށް ތަފާތެއް އޮވެދާނެކަމަށް ގަބޫލު ނުކުރެވޭތީވެސް މެއެވެ. އެހެންނަމަވެސް، ކަށަވަރުވެ ޔަގިންވާން އޮތް ކަމަކަކީ، އެމްޑީޕީގެ ބާރުވެރިކަން ހޯއްދެވުމަށް ނަޝީދު ޖައްސަވާ ހިސާބުގެ ޝިކާރައަކަށް ޖޭޕީވެ، އެޕާޓީގެ ލީޑަރަށް މިފަދަ ކޯލިޝަނެއްގެ ސަބަބުން ކޮޅުކެހި ލިބިގެން ދިއުމަކީ ވަރަށްވެސް ގާތުގައި އޮވެދާނޭ ކަމެއްކަމެއް ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޓ ޓެރޭސް
ނަސީދު ބުރުމާގާސިމް ފިސާރި ލަދުގަންނަވާލާނެ ރައްޔަތުންގެ ވޯޓުން ދެން ގޮވާނެ އޮޅުވާލީއޭ މިދެމީހުން ނޫން ކޮންމެ މީހަކު ހޮވުނަސް ނަސީދަކީ އަނގައިން ހަލާކުވިމީހެއް