5.2ގެ މިންގަޑައުގައި، ހޯމަ ދުވަހު ތުރުކީގެ އިރުމަތީ ސަރަަހައްދުތަކަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ އެތައް ބަޔަކަށް އަނިޔާ ވެއްޖެ ކަމުގައި އެގައުމުގެ އިދާރާތަކުން ބުނެފިއެވެ.
ޔޫރަޕިއަން މެޑިޓެރޭނިއަން ސީސްމޮލޮޖިކަލް ސެންޓަރ (EMSC) އިން ހާމަ ކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ 5 ކިލޯމީޓަރު ފުނުންނެވެ. ބިންހެލުމުގެ ބާރުމިން ކުރިން EMSC އިން ރިޕޯޓު ކޮށްފައިވަނީ މިއަށްވުރެ ބާރު ގަދަ ކޮންނެވެ.
ތުރުކީގެ ޑިސާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެފައިވަނީ، ހޯމަ ދުވަހު މިއައި ބިންހެލުން އައިސްފައިވަނީ ތުރުކީގެ މަލަޓްޔާ ޕްރޮވިންސްގެ ޔެސިލްޔާޓް ޓައުނަށް ކަމުގައެވެ.
"އެކަކުވަނީ މަރުވެފަ، އަދި 69 ވަރަކަށް މީހުންނަށް ވަނީ އަނިޔާވެފަ،" AFAD ޑިސާސްޓަރ އޭޖެންސީގެ ޗެއަރމަން ޔޫނުސް ސެޒަރ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
"މީހުން ސަލާމަތް ކުރާ ޓީމުތައް ވަގުތުން ވަނީ، އެމީހުންގެ މަސައްކަތް ފެށުމަށް، ބިންހެލުން އައި ސަރަހައްދުތަކަށް ފޮނުވާލެވިފަ،" އޭނާ ވިދާޅުވެފައި ވެއެވެ.
ޔެސިލްޔާޓްގެ މޭޔަރ މެހުމެޓް ސިނަރ ޓީވީގއަި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ބިންހެލުން އައި ޓައުނުގައި ވެއްޓިފައިވަނީ މަދު އިމާރާތްތަކެއް ކަމުގައެވެ. އަދި މޭޔަރު ވިދާޅުވަނީ، ބައްޕައަކާއި އޭނާގެ އަންހެން ދަރިފުޅު، އެމީހުންގެ ބައެއް ސާމާނުތައް ސަލާމަތް ކުރުމަށް ވެއްޓިފައިވާ އިމާރާތެއް ދަށަށް ވަނުމާއެކު އެމީހުން އެއިމާރާތުގެ ދަށުގައި ތާށިވެފައި ވާކަމުގައެވެ.
އެ މިމީހާ ސްޓެރެޗަރއެއްގައި އެމްބިއުލާސަށް އަރުވަން ދިޔަތަން ފަހުން ޓީވީތަކުން ފެނިފައިވާއިރު، މީހުން ސަލާމަތް ކުރާ ޓީމުތަކުން އެ އިމާރާތުގެ ދަށުގައި ތާށިވެފައި އޮތް އޭނާގެ އަންހެން ދަރިފުޅާ ގުޅޭތޯ މީހުން ސަލާމަތްކުރާ ޓީމުތަކުންވަނީ މަސައްކަތް ކޮށްފައެވެ.
މަލަޓްޔާއަކީ، މިމަހުގެ 6 ވަނަ ދުވަހު ތުރުކީގެ 11 ސަރަހައްދަކަށް، 7.8ގެ ބާރުގަދަ ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޓައުނެކެވެ. މި ބިންހެލުމުގައި ތުރުކީއާއި އަވައްޓެރި ސީރިއާއިން 48،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އޭގެ އިތުރުން މި ބިންހެލުމުގެ އަސަރުކޮށް، ތުރުކީގައި 173،000 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.
ތުރުކީގެ ޑިސާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެފައިވަނީ، 6 ފެބްރުއަރީގެ ބިންހެލުމަށްފަހު، އެބިންހެލުން ައައި ސަރަހައްދުތަކަށް 10،000 އާފްޓަރ ޝޮކުގެ އަސަރު ކޮށްފައި ވާކަމުގައެވެ.
މި ބިންހެލުމަށްފަހު ތުރުކީގެ ސަރުކާރުން ވަނީ، ބިންހެލުމުން ވެއްޓު އިމާރާތްތަކުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކާ ގިނަބަޔަކު ހައްޔަރުވެސް ކޮށްފައެވެ.
ތުރުކީގެ ސަރުކާރުން މިމައްސަލާގައި ބުނެފައިވަނީ، މިހާތަނަށް 184 މީހަކު ހައްޔަރު ކޮށްފައި ވާކަމުގައެވެ. އަދި މިތަހުގީ މިހާރު ވަރަށް ބޮޑަށް ފުޅާ ކުރެވިފައިވާ ކަމުގައެވެސް ތުރުކީގެ މުވައްސަސާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.