ސަރުކާރުގެ އިސް ބޭފުޅުން ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ އިންތިހާބުން ބަލިވެއްޖެއެވެ.
އިއްޔެ އިން ފެށިގެން ކުރިއަށްދިޔަ ވޯޓުގެ ނަތީޖާ އިއުލާންކޮށްފައިވަނީ ރޭ ވަރަށް ދަންވެސް ވެފަ ހުއްޓައެވެ. އިންތިޚާބުގައި އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ ޑެޕިއުޓީ ލީޑަރުންގެ އިންތިޚާބަށެވެ. މިއިންތިޚާބުގައި 5 ބޭފުޅުން އިންތިޚާބު ކުރަންޖެހޭއިރު 12 ބޭފުޅަކު ވާދަކުރިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކުގައިި ތިއްބެވި ޖޭޕީގެ ބޭފުޅުންނާއި، ކުރީގެ މަޖިލިސް މެމްބަރުންނާއި، ޖޭޕީގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެއެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ހަމައެކަނި އިންތިހާބުވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެކަންޏެވެ.
އިންތިހާބުން ނާކާމިޔާބުވި ސަރުކާރުގެ އިސް ބޭފުޅުން:
– ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން
– އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު (ހަނަފީ)
– އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން މުގުނީ،
ޖޭޕީގެ ކޮންގްރެސްގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއް ނާއިބު ލީޑަރުކަމަށް އިންތިޚާބުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއެވެ.
ޖޭޕީގެ ނާއިބު ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުން:
1- އާއިޝަތު ނަހުލާ 558 ވޯޓު
2- އަމީން އިބްރާހީމް 327 ވޯޓު
3- ޢަލީ ޝާޙް 287 ވޯޓު
4- އަޙްމަދު ސަޢުދު 275 ވޯޓު
5- އިޤްބާލު އާދަމް 263 ވޯޓު
ޖޭޕީން ބުނީ އެޕާޓިގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމަށް 741 މެމްބަރުން ރެޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން 680 މެމްބަރުން ވޯޓުލާފައިވާކަމަށާއި، އެއީ ރަޖިސްޓްރީކުރި މެމްބަރުންގެ ތެރެއިން %91 ކަމަށް ޖޭޕީން ބުންޏެވެ.
ވޯޓަކާއި ނުލައި ޖުމްހޫރީ ޕާޓީގެ ބައެއް މަޤާމުތަކަށްވެސް ބޭފުޅުން ވަނީ އިންތިޚާބުވެވެވަޑައިގެންފައެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ އިންތިޚާބީ މަޤާމަކަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލައިފިނަމަ ވޯޓުލުމަކާއި ނުލައި އެކެނޑިޑޭޓަކު މަޤާމަށް އިންތިޚާބުވާނެއެވެ. އެގޮތުން ވޯޓަކައި ނުލައި ޕާޓީގެ ލީޑަރުކަމަށް އިތުރު ދައުރަކަށް ޤާސިމް އިބްރާހީމް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.
ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ ޖޭޕީގެ ޤައުމީ ކޮންގްރެންސްގައި ޕާޓީގެ މެމްބަރުގެ އަޣްލަބިއްޔަތުންވަނީ ޖޭޕީގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމު އުވާލާފައެވެ.