ތިމާގެ އަމިއްލަ މަސްލަޙަށްވުރެ ޤައުމުގެ ހަމަނުޖެހުން އިސްކުރަންޖެހޭކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.މުޙައްމަދު އިޔާޒް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާމެދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަން އެޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުނު ޤަރާރު ފާސްވުމާ ގުޅިގެން ޑރ.އިޔާޒް ވަނީ އެކަމަށް އިޝާރާތްކުރައްވައި ޖޭޕީއަށް އަމާޒުކޮށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޑރ.އިޔާޒް ތުހުމަތުކުރައްވާފައިވަނީ ޖޭޕީން އެމްޑީޕީއާ ފެޔަށް ޖެހެނީ އެމްޑީޕީގެ ޕްރައިމެރީން ނާކާމިޔާބުވި އެޕާޓީގެ ރައީސް ނަޝިދުގެ ބާރު އެޅުއްވުމުގެ މަތިންނެވެ. ޑރ.އިޔާޒަކީ ރައީސް ޞާލިޙަށް ވަރަށްބޮޑަށް ތާޢީދުކުރައްވާ ބޭފުޅެކެވެ.
ޖޭޕީގެ ކޮންގްރެސްގެ ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ، ޤާސިމް އިބްރާހީމަކީ މޮޅު ވިޔަފާރިވެރިއެއްކަމަށެވެ. އަދި އެތައްބައިވަރު ދިވެހި ރަޢްޔިތުންނަަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ދީލަތި ބޭފުޅެއްކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން ދެފަހަރުމަތިން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން ކާމިޔާބުވެވަޑައިނުގެންނެވިކަމަށެވެ.
ދިވެހި ރަޢްޔިތުން މިފަދަ މީހުންނާއި މެދު ސަމާލުވާންޖެހޭ. ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ ހަމަޖެހުން އިސްކުރަންޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) February 26, 2023
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް ކުރިމަތިލެއްވުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅުންނަކީ ކުރިން ދެފަހަރު ޤާސިމް ހޮވުނަ ނުދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި ފަރާތްތައްކަމަށް ޑރ.އިޔާޒް ތުހުމަތުކުރެއްވިއެވެ. އަދި އެއީ ނިމިގެންދިޔަ، އެމްޑީޕީގެ ގެރިޔާސީ ޕްރައިމަރީގައި ފެއިލްވި ކެނޑިޑޭޓާއި އޭނާގެ ބައިވެރިންކަމަށާ، އެއީ 2008 ގައި އުފެދުނު ސަރުކާރުގެ ހޯމް މިނިސްޓަރ ކަމުން 21 ދުވަހުގެ ތެރޭގައި ޤާސިމް އިބްރާހީމް އިސްތިޢުފާ ދެއްވަން މަޖްބޫރު ކުރުވި ބޭފުޅުންކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ އުންމީދަކީ މިފަހަރުވެސް ޤާސިމަށް ކާމިޔާބުވެއްޖެނަމަ އެފަދަ ޙާލަތެއް މެދުވެރިކުރުވާ އަލުން ވެރިކަމާއި ޙަވާލުވުންކަމުގައި ޑރ.އިޔާޒް ތުހުމަތުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ