ޖޭޕީގެ، ކޯލިޝަނާއި ދެކޮޅު ގަރާރު! އާންމު މެމްބަރުންގެ ރޫހު ހުރީ އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް!

ޖޭޕީގެ، ކޯލިޝަނާއި ދެކޮޅު ގަރާރު! އާންމު މެމްބަރުންގެ ރޫހު ހުރީ އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް!

Author
ހުސެއިން
26 ފެބްރުއަރީ 2023 08:33
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ 6 މަސްދުވަހަށް ވެފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުން މިހާރު ފެންނަމުންދާ އެންމެ ޝައުގުވެރި ކުރުވާ އެއް މަންޒަރަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް، ނުވަތަ "ކޭކުން ބައެއް" ކަށަވަރު ކުރެވޭނެ ފޯމިއުލާއެއް ހޯދުމަށް ސިޔާސީ އެކި ޕާޓީތަކުން ކުރަމުންދާ މަސައްކަތަކެވެ.

މިގޮތުން، އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހާއެކު ކޯލިޝަން ހެދުމަށް، މިހާރުވެސް ވެރިކަން ކުރާ ކޯލިޝަންގައި އޮތް އަދާލަތު ޕާޓީން ނިންމާފައިވާއިރު، ފާއިތުވި 4 އަހަރު އެއްވެސް އެއްވެސް ޕާޓީއަކާއެކީ މަސައްކަތް ނުކޮށް އޮތް، އެމްޑީއޭއިންވެސް ވަނީ އެންމެ ފަހުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއިދު ކުރުމަށް ނިންމާފައެވެ.

އޭގެ އިތުރުން ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސާލިހު ދެއްވާފައިވާ ޕާޓީތަކުގެ ތެރެއިން، އެމްއާރުއެމްއިން އަދި މިހާތަނަށް އެޕާޓީން ނިންމާނެ ގޮތެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެމްޑީއޭއިން ނިންމާފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރުމަށް

އެހެންނަމަވެސް، ރައީސް ސާލިހުގެ މިދައުރުގައި ވެރިކަން ކުރަމުންދާ ކޯލިޝަންގައި، އެމްޑީޕީ ފިޔަވާ ދެން އޮތް އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޖުމުހޫރީ ޕާޓީން ރޭވަނީ، ރިޔާސީ އިންތިޚާބާއި ގުޅޭ މުހިންމު ނިންމުމެއް ނިންމާފައެވެ. އެއީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް އެހެން ޕާޓީއަކާއެކީ ކޯލިޝަން ހަދާ، އެހެން ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ބަދަލުގައި އެޕާޓީން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރުމަށް އިގުރާރުވެ، މި ހަފްތާ ބަންދުގައި ކުރިޔަށްދިޔަ އެޕާޓީގެ ގައުމީ ކޮންފަރެންސްއިން ފާސްކުރި ގަރާރެވެ.

މިގަރާރުން ޕާޓީގެ ލީޑަރޝިޕަށް ގޮވާލާފައިވަނީ، ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށެވެ. ގަރާރުގައި ބުނެފައިވަނީ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކު އެކަން ކުރެއްވީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވެރިކަން ލިބިވަޑައިގަތުމުން ޖޭޕީއާ މެދު އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

 

އާންމު މެމްބަރުން ރޫޙު ހުރީ ފުރަތަމަ ބުރުގައި ރައީސް ސާލިހާއެކީ ކޯލިޝަން ނުހެދުމަށް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީ ގައުމީ ކޮންފަރެންސްއިން ރޭ ފާސްކުރި ގަރާރު ފާސްކޮށްފައި ވަނީ، ގައުމީ ކޮންފަރެންސްގައި އެވަގުތު ބައިވެރިވަމުންދިޔަ 400 އަށްވުރެ ގިނަ މެމްބަރުންގެ ތަނަވަސް އައުލަބިއްޔަތުންނެވެ.

ފުރަތަމަ ބުރުގައި ކޯލިޝަން ނަހަދާ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްޅޯ، ރޭ ކުރިޔަށްދިޔަ ޖޭޕީގެ ކޮންގްރެސްއަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހުއެވެ. މިގަރާރަށް ތާއީދު ކޮށްފައިވަނީ، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ޝާހުއެވެ.

ރިޔާސި އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމާއި ދެކޮޅަށް ޖޭޕީގެ ގައުމީ ކޮންފަރެސްގެ ބޮޑު ތާއީދަކާއެކު ގަރާރެއް ފާސްކޮށްފައި މިވަނީ، އެޕާޓީއާއެކު ކޯލިޝަން ހެދުމަށް، ރައީސް ސާލިހު ސިޓީއަކުން އެދިލައްވާފައި ވަނިކޮށްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ރޭގެ ގަރަރާރަށް ބަހުސް ކުރި އެޕާޓީގެ މެމްބަރުންގެ ތެރެއިން، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ތާއީދުކޮށް ވާހަކަ ދައްކާފައިވަނީ، ޖޭޕީގެ ސްލޮޓުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު ސަމީރު އެކަންޏެވެ. އެހެން ހުރިހާ މެމްބަރުންވެސް ވާހަކަ ދައްކާފައިވަނީ ގަރާރަށް ތާއީދުކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ސްލޮޓުގައި ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކޮށެވެ.

ރައީސް ސާލިހާއެކު ކޯލިޝަން ހެދުމަށް ތާއީދުކޮށް ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ވާހަކަ ދައްކަވާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު

އަދި، ގަރާރަށް ބަހުސް ކުރުމަށްފަހު، އައުލަބިއްޔަތުން ގަރާރު ފާސްވުމަށްފަހު، ގައުމީ ކޮންފަރެންސްގައި ބައިވެރި މެމްބަރުންވަނީ، އިވެންޓް އޮތް ހޯލުގައި، ނެށުމާއި ލަވައިން އުފާ ފާޅުވެސް ކޮށްފައެވެ.

އެހެންކަމުން، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ފާޅު ކުރެވިގެންދިޔަ ޝުއޫރާއި، މެމްބަރުން ދެއްކި ވާހަކަތަކާއި، އޭގެ އިތުރުން ރައީސް ސާލިހުގެ ސަރުކާރާއެކީ ކޯލިޝަން ހެދުމާއި ދެކޮޅަށް ގައުމީ ކޮންފަރެންސްގައި ނެގި ވޯޓުގައި، ގަރާރާއި އެއްކޮޅަށް ވޯޓުލީ މެމްބަރުން އަދަދަށް ރިއާޔަތް ކޮށްލުމުން، ޖޭޕީގެ ލީޑަރޝިޕްގައިވެސް، އަދި އެޕާޓީގެ އާންމު މެމްބަރުންގެ ރޫހު ހުރީވެސް، ކޯލިޝަން ހެދުމަށް ރައީސް ސާލިހު ދެއްވި ދައުވަތު އެޕާޓީން ގަބޫކުރުމާއި ދެކޮޅަށް ކަމީ ވަރަށްވެސް ސާފުކޮށް ފެންނާން އޮތް ހަގީގަތެއް ކަމުގައި ދަންނަވާން ޖެހެއެވެ.

 

ގާސިމް ވިދާޅުވަނީ، ފާސްވެގެން ދިޔައީ އަމަލުކުރުން ލާޒިމް ގަރާރެއް ނޫންކަމަށް!

ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ، ބޮޑު ތާއީދަކާއެކު، ކޯލިޝަން ހެދުމާއި ދެކޮޅަށް ފާސްކުރި ގަރާރު ފާސްވުމަށްފަހު، ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ، ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީ ގައުމީ ކޮންފަރެންސް އިން ނިންމި ނަމަވެސް އެ ގަރާރަކީ އެމައްޗަށް އަމަލުކުރުން އެޕާޓީގެ ކައުންސިލަށް މަޖުބޫރު ގަރާރެއް ނޫންކަމުގައެވެ.

އެހެންނަމަވެސް ގާސިމް ވިދާޅުވީ، މިގަރާރާ މެދު ގޮތް ނިންމުމުގެ ބާރު، އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން ގޮތް ނިންމުމުގެ ބާރު އޮތީ ޕާޓީގެ ކައުންސިލަށްކަމަށް ވާތީ، މިގަރާރު ކައުންސިލާހަމައަށް ގެންގޮސް ދެއްވާނެ ކަމުގައެވެ.

މިހަރު، ގަރާރަކީ ކުރިންވެސް ދަންނަވާލެވުނު ފަދައިން، އަޅުގަޑުމެންގެ ކައުންސިލް އޭގެމައްޗަށް ބައިންޑިންގވާ، އެހެންްގޮތަކަށް ބުނަންޏާ، އަމަލުކުރަން މަޖުބޫރު އެއްޗެއް ނޫންކަން. އެކަން ހަނދުމަފުޅު ބަހައްޓަވައިގެން، އެހެންނަމަވެސް، މިކޮންގްރެސްގެ ވަޑައިގެންނެވި އިއްޒަތްތެރި މެމްބަރުންގެ ވަރަށް ތަނަވަސް އަޢުލަބިއްޔަތަކުން، އަޢުލަބިއްޔަތުން ނޫން، މާފްކުރައްވާ! އިއްތިފާގުން ފާސްކޮށްދެއްވީ އެ ގެންދިއުމަށްޓަކާ ކަމަށްވާތީ، އަޅުގަޑު ހަމަ ގައިމުވެސް، އެކަން، އެވާޖިބު އަދާކުރުމަށްޓަކާ އަޅުގަޑުމެންގެ ކައުންސިލާ ހަމައަށް ގެންގޮސް ދޭނަން.

ގައުމީ ކޮންފަރެންސްގެ ބޮޑު ތާއީދަކާއެކީ ފާސްކުރި ގަރާރަށްފަހު، ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ އާންމު މެމްބަރުންގެ އިހުސާސް ހުރިގޮތް ވަރަށްވެސް ރަގަަޅަށް ސާފުވެގެން ދިޔަ، އަދި އޭގެ އިތުރުން ލީޑަރޝިޕްގެވެސް ޖުމްލަ ވިސްނުން ހުރިގޮތް ސާފުވެގެންދިޔަ މި ގަރާރަށްފަހު، ގާސިމް އިބުރާހިމް ފާހަގަ ކުރެއްވި ބައެއް ނުކުތާތަކަށް ރަގަޅަށް ނަޒަރެއް ހިންގާ ވިސްނާލުމުން، ގާސިމް އިބުރާހިމްގެ ވިސްނުފުޅު ގިނަ ބަޔަކު މޭރުން ކުރަމުންދަނީ، ރައީސް ސާލިހާއެކީ ކޯލިޝަން ހެދުމާއި ނުވަތަ ނުހެދުމާމެދުވެސް އެޕާޓީގެ ލީޑަރު އަދިވެސް ގޮތެއް ނިންމަވާފައި ނުވާ ނުވުމެއްގެ ގޮތުގައެވެ.

ގައުމީ ކޮންފަރެންސްއިން ފާސްކުރި ގަރާރަށްފަހު ގާސިމް ވިދާޅުވެފައިވަނީ, ފާސްކުރީ އަމަލުކުރުން ލާޒިމް ގަރާރެއް ނޫންކަމުގަ

އެހެންނަމަވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސާލިހު ދެއްވާފައިވަނިކޮށް، ރައިސް ސާލިހުގެ ދެއްވި ދައުވަތާއި ދެކޮޅަށް ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ބޮޑު އަޢުލަބިއްޔަތަކުން ފާސްވެގެން ދިޔަ ގަރާރު ހުރިހާ ގޮތެއްގައިވެސް ސިފަކުރާން ޖެހިފައިވަނީ، ސީދާ ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެޕާޓީގެ އެތެރޭގައި އޮތް ތާއީދާއި، ގާސިމްގެ ވަށައިގެން ތިއްބެވި އެތައް ބައެއްގެ ފަރާތުން ހުއްޓުމެއްނެތި އެމަގށް ގާސިމަށް ކުރިމަތުވަމުންދާ ބޮޑު "ޕްރެޝަރު"ގެ ގޮތުގައެވެ.

އަދި ހަމަ އެފަދައިން، ޖޭޕީގެ އާންމު މެމްބަރުންގެ ވިސްނުންވެސް ހުރީ ހަމަ މިބީދައިން ކަމުގައިވެސް މި ގަރާރު މޭރުން ކުރާންޖެހެއެވެ. އެއާއެެކު، ވެރިކަންކުރާ އެމްޑީޕީ ބައިބައިވެ، އެޕާޓީގެ ރައީސް ނަޝީދުގެ ފަރާތުންވެސް ގާސިމް އިބުރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހިތްވަރު ދެމުންދާއިރު، ގައުމީ ކޮންފަރެންސްގެ މި ގަރާރަކީ ހަގީގަތުގައިވެސް ބާރުހުރި ގަރާރަކަށް ވެގެންދާނޭކަމީ ކަށަަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އަދި، ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ އެތައް މެމްބަރެއްގެ ވިސްނުމާއި ޝުއޫރު ގައުމީ ކޮންފަރެންސްގެ ބަހުސް މަރުހަލާގައި ސާފުވެގެން ދިޔައިރު، މި ގަރާރަކީ، ކޯލިޝަން ހެދުމަށް ރައީސް ސާލިހު ދެއްވި ދައުވަތާއި ދެކޮޅަށް އެޕާޓީގެ ލީޑަރޝިޕުން ނިންމި، "އަމަލުކުރުން ލާޒިމް ނޫން" ނިންމުމެއްގެ ކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.