ބޮޑެތި ދަރަނިތައް ކާމިޔާބުކަމާއެކު އަދާކުރުމަށްފަހު، ދަރަނި ކުޑަކޮށް މި އަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅައި އަހަރު ނިންމާލުމަކީ ސަރުކާރުގެ އަމާޒު ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއާއި ރައީސް އޮފީސް ގުޅިގެން ބާއްވާ "އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، 2013 އިން 2018 އަށް 418 މިލިއަން ޑޮލަރާއި، 2018 އިން 2023 އަށް 948 މިލިއަން ޑޮލަރުގެ ލޯނު އަދާކުރިއިރު، މިދިޔަ ދެ އަހަރުތެރޭގައި 1.24 ބިލިއަން ޑޮލަރުގެ ލޯނު އަދާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރު ބަޖެޓް ޑެފިސިޓް ހަތް ޕަސެންޓަށް ކުޑަކުރަން ރޭވި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ ލެވެލްގައި ހިފެހެއްޓުން ދަތިވި ކަމަށެވެ. ނަމަވެސް ޑެފިސިޓް ސިންގަލް ޑިޖިޓްގައި ހިފެހެއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަހުން ފުރަތަމަ ފަހަރަށް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ހަރަދުތައް ހިންގި ކަމަށާއި، މި އަހަރުވެސް ފާސްކުރި ބަޖެޓުގެ ތެރެއިން ހަރަދު މެނޭޖުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
2016 އިން ފެށިގެން އަހަރުން އަހަރަށް ދަށްވަމުން އައި ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން، މި އަހަރު މޫޑީސްއިން ފުރަތަމަ ފަހަރަށް މަތިކޮށްފައިވާ ކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. މި ބަދަލުގެ ސަބަބުން މަލްޓިނޭޝަނަލް އިދާރާތަކާއި ބައިލެޓަރަލް ގައުމުތަކުން ފައިނޭންސް ހޯދުމާއި، ރާވާފައިވާ ކެޕިޓަލް ޕްރޮޖެކްޓުތައް ހިންގުން ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިދިޔަ ދެ އަހަރުތެރޭ އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަށް އިފެކްޓިވް ފިޔަވަޅުތަކެއްކަން މީގެން އެނގޭ. ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ރައްޔިތުންނަށް ކޮންފިޑެންސް ލިބިއްޖެ. ކުރިއަށް އޮތީ ފަހި ދުވަސްތަކެއް،" ޒަރީރު ވިދާޅުވިއެވެ.
ޒަރީރަކީ މި ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރެވެ.
ކޮމެންޓު ފޮނުވާ