ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ނެރެން ޖޭޕީ ކޮންގްރެސްގައި ފާސްކޮށްފި

ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ނެރެން ޖޭޕީ ކޮންގްރެސްގައި ފާސްކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީ ގައުމީ ކޮންފަރެންސް އިން ނިންމައިފިއެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްޅޯ، މިހާރު ހިނގާމުންދާ ޖޭޕީގެ ކޮންގްރެސްއަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހުއެެވެ. މި ގަރާރަށް ތާއީދުކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ ޝާހްއެވެ.

އަބްޅޯ ހުށަހެޅި ގަރާރުގައި އެދިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށެވެ. ގަރާރުގައި ބުނެފައިވަނީ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކު އެކަން ކުރެއްވީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވެރިކަން ލިބިވަޑައިގަތުމުން ޖޭޕީއާ މެދު އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ގަރާރް ފާސްވެފައި ވަނީ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިޤަރާރަށް ކުރި ބަހުސްގައި ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު ފިޔަވައި ދެން ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވަނީ ޖޭޕީން ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކޮށްފައެވެ. ސަމީރު ތާއީދު ކުރެއްވީ އެމްޑީޕީއާއި ކޯލިޝަން ހެދުމަށެވެ. ޖޭޕީ މިހާރު އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގައެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ޖުމްހޫރީ ޕާޓީން މިއަދު ވަނީ އެ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިހާބުކޮށްފައެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.

ޤާސިމް މިރޭ ވިދާޅުވީ ކައުންސިލުން ގޮތް ނިންމާއިރު މި ޤަރާރު ކައުންސިލަށް ހުށަހަޅުއްވައި މިކަމަށް ރިޢާޔަތް ކުރައްވާނެކަމަށެވެ. ޤާސިމް ވަނީ ޤަރާރު ހުށަހަޅުއްވައި ބަހުސް ކުރިއިރުވެސް ޖޭޕީން ކެނޑިޑޭޓަކު ނެރޭނެކަމުގެ އިޝާރާތެއްވެސް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *