އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން އެމްޑީއޭގެ ކައުންސިލުން ތާއީދެއްނުކުރި!

އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން އެމްޑީއޭގެ ކައުންސިލުން ތާއީދެއްނުކުރި!

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 12:38
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ) ގެ ކައުންސިލުން ތާއީދެއް ނުލިބުނެއެވެ.

އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރަކު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ދައުވަތު ލިބިފައި ވުމުން، ލީޑަރު ސިޔާމް އެކަމަށް ވޯޓަށް އެހިކަމަށެވެ. ނަމަވެސް ކައުންސިލްގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.

މިއާއިއެކު ކައުންސިލް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަ ނުކުރަން ނިންމައި، ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި ވާދަކުރާ ބަޔަކާއި އެކު ކުރިއަށް ދިއުމަށް މަޝްވަރާ ކުރުމަށް ނިންމާފައެވެ. އެގޮތުން އެމްޑީޕީއާއި، އަދި ޕީޕީއެމް، ޕީއެންސީއާއިއެކުވެސް މަޝްވަރާ ކުރުމާއި ގުޅޭގޮތުން މިއަދު ބާއްވާ އެޕާޓީގެ ކައުންސިލުން ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ސިޔާމް ނިންމެވިއިރު، ދާދިފަހުން ސިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓިން ވަނީ، ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވާފައެވެ. އަދި ރައީސް ވަނީ ކޯލިޝަން ހެދުމުގެ ދަޢުވަތު ބައެއް ސިޔާސީ ޕާޓީތަކަށް ދެއްވާފައެވެ. އެމްޑީއޭއަކީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިސްވެ ހުންނަވާ 2012 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.