ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މެލޭޝިއާގައި ރޭ އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެ އިން ބޭރުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ރިޒާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގެންނެވި.
މެންބަރަކަށް ވަޑައިގަތުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވެވި ރިޒާ ވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފަ އެވެ.
ހިނގަމުން މިދާ 19 ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު ވެސް ވަނީ އަވަހާރަވެފައެވެ. އޭނާ އަވަހާރަވީ ޑިސެމްބަރު 14، 2021 ގައެވެ.
ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ. ގާނޫނީ ވަކީލުކަން ވެސް ކުރެއްވި ރިޒާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.
ކޮމެންޓު ފޮނުވާ