މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީގެ ރައީސް ޞާލިހުގެ ވެރިކަން ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށާއި، މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށާއި، އެމްޑީއޭއަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިޤު ދައުވަތު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ހުށަހެޅުއްވި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސްގައި ޓޮމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ނިކަމެތިކޮށް ބިކަ ކޮށްފައިކަމަށެވެ.
އެއްވެސް ޤާނޫނަކުން ދަރަނި އަދާކުރުމަށް ދަރަނި ނެގޭނެކަމަށް ބުނެފައިނުވާއިރު، ޤާނޫނީ އިމުން ބޭރުން މިސަރުކާރުން ދަރަނި މައްޗަށް ދަރަނި ނަގައި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާފައިވާކަމަށެވެ. ވެރިކަން ކުރުމަށް ލިބުނު ފުރުސަތުގައި ހިތުހުރިގޮތަކަށް ކަންކަން ކުރުމުގެ ނަތީޖާ މިއަދު ފެނިގެންދަނީ ވަރަށް ހިތިކޮށްކަމަށް ޓޮމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ޕާޓީތަކުން އެކަމަށް މަޢާފަށް އެދި ރައީސް ޞާލިހާއި ދުރުވާންޖެހޭކަމަށެވެ. އެގޮތުން މިހާރު ރައީސް ނަޝީދު މަސައްކަތް ކުރައްވާ ފިކުރެއްގެ ދިރުމުގެ ޓީމުންވެސް ރައީސް ޞާލިހު ވެރިކަމަށް ގެނެވުނީތީ މަޢާފަށް އެދެންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ޖުމްހޫރީ ޕާޓީއާ އެކު ބައިވެރިވެގެން މަސައްކަތް ކޮށްފައި ވާނީ ހަމައެކަނި ޕީޕީއެމް ކަމަށެވެ. އެމްޑީޕީން މިދިޔަ ފަހަރު ވެސް ދިނީ ލަނޑު ކަމަށް ތޯރިގު ވިދާޅުވިއެވެ.
ރައްޔިތުން ކައިރިން މާފަށް އެދި މި ނޫން ގޮތެއް، އިބޫ ނޫން ގޮތެއް ހޯދުމަށް ޕީޕީއެމް އާ ބައިވެރިވެގެން މަސައްކަތަށް ގޮވާލަން.
– ޓޮމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެންވެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހަދާ ނަމަ ހަދަން ވާނީ ޕީޕީއެމްއާ އެކުގައި ކަމަށެވެ. ނުވަތަ ދެވަނަ ބުރުގައި ޕީޕީއެމްއާ އެކު ރިޔާސީ އިންތިހާބު ނިންމުމަށް މަސައްކަތް ކުރަން އެދޭ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ދައުލަތުގެ ދަރަނީގެ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ހުރީ 67 ބިލިއަން ރުފިޔާ ކަމަށާއި މި ސަރުކާރުގެ ފަސް އަހަރު ތެރޭ އެ އަދަދު 113 ބިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެއީ ފަސް އަހަރު ތެރޭ 40 ބިލިއަން ރުފިޔާގެ ދަރަނިކަން ޓޮމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ