ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކި ވެރިކަން ތަކުގައި ކިތަންމެ ދަތި އުދަނގޫތަކެއް ކުރިމަތި ކުރި ނަމަވެސް ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ފުރުސަތު ދިން ހަމައެކަނި ސަރުކާރަކީ މިސަރުކާރުކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މިސަރުކާރުން ރައީސް ނަޝީދު އަވަހާރަކޮށްލަން ފުރުސަތު ދިންކަމަށެވެ.
އޭނާ މިހެން ވިދާޅުވީ މިބަހުސްގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ. ޝަހީމްގެ ވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ބަހުސްކުރި މައުލޫ ބަދަލުކޮށް އެހެން މައުލޫއަކަށް ދިއުމުން އެކަން ހުއްޓުވުމަށް ދެން އުދަނގޫވާނެކަމަށްވެސް ވިދާޅުވެފައެވެ.
ޝަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ އަކީ އެންމެ މަތީ ސެކިއުރިޓީ އެއްކަމަށެވެ. އަދި މިހާރު ނަޝީދަށް ދެމުންދާ ސެކިއުރިޓީ މަދުވާން ނޭދޭކަމަށް ވިދާޅުވެ ޝަހީމް ވަނީ މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަވާފައެވެ.
މިއަދުވެސް އިއްޒަތްތެރި ރައީސްގެ ސެކިއުރިޓީއަށްޓަކައި ފަންސާހަކަށް ސެކިއުރިޓީ ބޮޑީގާޑުން އެބަ ތިބެންޖެހޭ. ހަތަރު ފަސް ވެހިކަލް އެބަ އޮންނަން ޖެހޭ. އަދި ސަރުކާރުގެ ގެކޮޅެއް އަރުވަންޖެހޭ. މިއީ މިއަދުގެ ހާލަތު. އެކަމަކު މާދަމާވެސް މިހާލަތު އެއް ބޮޑީގާޑަށް ބަދަލުވެއްޖިއްޔާ ދެން އަޅުގަނޑުމެން ކަންބޮޑުވޭ.
– ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ ވާހަކަތަކަށް ރައްދު ދެއްވައި އިމްތިޔާޒް ވިދާޅުވީ އެކި ސަރުކާރުތަކުން ރައީސް ނަޝީދަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ ފުރުސަތު ދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
ޖަލުގެ ކުޑަގޮޅީގެ އަދަބު، ޓިނުގޮޅި، އަނދަގޮނޑި، ޗޭނު މި ހުރިހާ ކަމެއް އަދަބު ދީފައިވޭ ހުރިހާ ސަރުކާރުތަކުގައި. ހަމައެކަނި ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލަން ހަމަލާއެއްދީފައިވަނީ މި ސަރުކާރުން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮވެ.
– އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިނީ އެކަމުގެ އިންޒާރުތައް ސަރުކާރަށް ލިބިފައި އޮއްވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އިންތިވަނީ މިއަދު އަމާޒު ކުރައްވާފައެވެ. އަދި މިއީ ސަރުކާރަށް އެގެމެ ހިނގައިދާވަރުގެ ކަމަށް ނޫންކަމަށް ވިދާޅުވެފައެވެ.