ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ވަޑައިގަންނަވާނެކަން އެމަނިކުފާނުގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ. އަދި، އެމަނިކުފާނު ރާއްޖެ އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ވެސް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ލަންކާ ފިޔަވައި ރައީސް އެންމެ ގިނައިން ނުރަސްމީ ބޭނުންފުޅުތަކުގައި ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އެގޮތުން، ފެބްރުއަރީ 2022 ގައި، ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ވެސް އެ ގައުމުގައި ކުރެއްވިއެވެ. އެމަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އޮކްޓޯބަރު 2022، ގައެވެ.
އަދި، ޖޫން/ޖުލައި 2019 ގައި ސިންގަޕޫރަށް ރަސްމީ ހައިސިއްޔަތުން ވެސް އެމަނިކުފާނު ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރާއްޖޭގެ ސަރުކާރާއި ސިންގަޕޫރުގެ ސަރުކާރާ ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރިއެވެ.
ކޮމެންޓު ފޮނުވާ