މިމަހުގެ 24އިން 25އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ 5 ނައިބް ލީޑަރު ކަމުގެ މަޤާމަށް 12 ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން ޢަލީ ޞާލިޙް ވިދާޅުވީ، އެޕާޓީގެ ލީޑަރުގެ މަޤާމަށް ޤާސިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައިނުވާކަމަށެވެ. އެހެންކަމުން ޤައުމީ ޖަލްސާގައި ވޯޓަލަށް ނާހަގައި އިތުރު ދައުރަކަށް ޤާސިމް އިންތިޚާވެފައިވާކަމަށް ޢަލީ ޞާލިޙް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރަކީ ޤާސިމް އިބްރާހީމެވެ. ޤާސިމް މިފަހަރު އިންތިޚާބުވެވަޑައިގަތީ 4 ވަނަ ދައުރަށެވެ.
ޖޭޕީ ލީޑަރުކަމަށް ޤާސިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތި ނުލެއްވިނަމަވެސް، އެހެން މަޤާމުތަކުގެ ވާދަވެރިކަން ބޮޑެވެ. އެގޮތުން އެޕާޓީއަށް ފަސް ނާއިބު ލީޑަރުން އިންތިޚާބު ކުރަންޖެހޭއިރު، އެ މަޤާމަށް ވަނީ 12 ބޭފުޅަކު ކުރިމަތިލައްވާފައެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރ އަދި ޤާސިމް އިބްރާހީމް އަނބިކަނބަލުން އާއިޝަތު ނަހުލާވެސް ހިމެނިވަޑައިގަންނަވައެވެ.
ޖޭޕީގެ ޤައުމީ ޖަލްސާ އޮންނާނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގައެވެ. ޤައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމާނެކަމަށް އެޕާޓީން ވިދާޅުވިއެވެ. ޖޭޕީގެ ޤައުމީ ކޮންގްރެސްގައި 900 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.
ޖުމްހޫރީ ޕާޓީ އުފެދިފައިވަނީ 3 އޯގަސްޓް 2008ގައެވެ. އެޕާޓީގެ ދަފްތަރުގައި 17913 މެންބަރުން އެބަތިއްބެވެ.