އެމްޑީޕީއަކީ ބޮޑާހޭކުމާއި ގޮތް ދޫނުކުރުމުގައި ތިބި ބަޔަކު ހަދާ އެއްޗެއް ބަލަން އޮންނާނެ ޕާޓީއެއް ނޫންކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ނަޝީދަށް ތާއީދު ކުރި މެމްބަރުން އެމްޑީޕީގެ ރައީސް ޞާލިހުގެ ފެކްޝަނުން ހިންގާ ހަރަކާތްތައް ބޮއިކޮޓްކޮށް ނުދާތީ އެކަމަށް އިޝާރަތް ކުރައްވައި ކުރި ޓުވީޓުގައެވެ.
އަންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓް ރައީސަށް ރޭ އެރުވީ އެކަމަށްޓަކައި މާލޭގައި ބޭއްވި ޖަލްސާއެއްގައެވެ. ޓިކެޓް އެމަނިކުފާނާ ހަވާލުކޮށް ދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މި ޖަލްސާގައި ރައީސް ނަޝީދާއި އެމްޑީޕީގެ ނައިބް ރައީސް ޝިފާޒާއި އެނޫންވެސް ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންވެސް ބައިވެރިވެފައި ނުވެއެވެ.
މޫކޭ ވިދާޅުވީ އެމްޑީޕީ އަކީ އެއްވެސް އިރެއްގައި މަޑު ޖެހިފައި އޮންނާނެ ޕާޓީއެއް ނޫންކަމަށެވެ. ބޮޑާ ހޭކުމާއި ގޮތްދޫ ނުކުރުމީހުން ހަދަނީ ކިހިނެތްތޯ ބަލަން އެމްޑީޕީ ނޯންނާނެކަމަށް މޫކޭ ވިދާޅުވިއެވެ.
އެމްޑީޕީ އެއް ނުހުއްޓުވޭނެ. ބޮޑާ ހޭކުމާއި ގޮތް ދޫނުކުރުމާއި ބުނެވުނު ބަހެއްގެ އަޖަލުގައި ތާށިވެ ފިތިފަ ތިބި މީހުން ހަދަނީ ކިހިނެއްތޯ ބަލާކަށް އެމްޑީޕީ ނޯންނާނެ. މި އޮޑި ދާނީ ބާރަށް ކުރިއަށް.
– މޫކޭ ވިދާޅުވިއެވެ.
އެމްޑީޕީ އެއް ނުހުއްޓުވޭނެ.
ބޮޑާ ހޭކުމާއި ގޮތް ދޫނުކުރުމާއި ބުނެވުނު ބަހެއްގެ އަޖަލުގައި ތާށިވެ ފިތިފަ ތިބި މީހުން ހަދަނީ ކިހިނެއްތޯ ބަލާކަށް އެމްޑީޕީ ނޯންނާނެ. މި އޮޑި ދާނީ ބާރަށް ކުރިއަށް.#MDP2023 pic.twitter.com/zoRS9uKX6m
— Moosa Ali Manik 🇲🇻 (@VMookey) February 18, 2023
ރިޔާސީ ޓިކެޓް ރައީސް ކާމިޔާބު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި 62 ޕަސެންޓް ވޯޓުންނެވެ. އަދި އިންތިޚާބުގައި ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވުމުގެ ހުއްދަ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސަށް މިހާރު ވަނީ ދެއްވައިފައެވެ.
ނަޝީދުގެ ފަރާތްޕުޅުން ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި ފިކުރެއްގެ ދިރުންގެ ނަމުގައި އާ ހަރަކާތެއް އިއުލާންކޮށް މެމްބަރުން ހޯދަން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ރިޔާސީ ޓިކެޓް ރައީސަށް އަރުވަން ގާތްވެފައި ވަނިކޮށް، ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ޕްރައިމަރީ ބާތިލްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.