ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި އުފުލި ތަކުލީފަށް ޖޯކު ޖެހީ އިންޑިއާގެ ބީޖޭޕީ ރުއްސުމަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ދެއްކެވި ވާހަކަތައް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި ބުނިގޮތުގައި، ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ވާހަކަތައް ދައްކަވަނީ އިންޑިއާ ސަރުކާރު ރުއްސަންވެގެންނެވެ.
ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރު ޖޯކު ޖައްސަވައި، މަލާމާތްކުރެއްވުން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
– އެ ބަޔާނުގައިވެއެވެ.
ޕީޕީއެމް އިން ބުނީ ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް މި ގައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ބޭފުޅުން ކަމަށެވެ. އަދި އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިހްލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާންކޯރު ނުވާނެކަމާއި ކޮންމެ ވަގުތަކުވެސް ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ނުކުންނަވާނެކަން އިދިކޮޅު ކޯލިޝަނުން ޔަގީންކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވާ، ޖޯކު ޖައްސަވާ އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާއީ ވަޒީރުކަމުގައި ހުންނެވުން އެއީ މިސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރެވެ.
– ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތަށްދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި، އަދި ނުއަގުގައި ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މިސަރުކާރުން ހިންގަމުން ގެންދާ އަމަލުތަކެއް ކަމަށެވެ.