އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް ޞާލިހު

އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް ޞާލިހު

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2023 10:14
0

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށާއި، މިއިންތިޚާބު ކާމިޔާބު ކުުރުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް ރައީސް ޞާލިހު ގޮވާލައްވައިފިއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ޓިކެޓާއި ހަވާލުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިއީ ޚިޔާލް ތަފާތުވުން އެއްކައިރިކޮށް އެމްޑީޕީ އެންމެން ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަންވީ ވަގުތުކަމަށެވެ.

ހިޔާލް ތަފާތުވުންތައް އެކަހެރިކޮށް، ހިޔާލު ތަފާތުވުން ހުއްޓަން މިއީ އެމްޑީޕީ މެމްބަރުން އެއްވާންވީ ވަގުތު. މިޔަބޭފުޅުންގެ މަޤްސަދު ވަރަށް ސާފު. ބޭނުމަކީ ރާއްޖެއަކީ ސުލްހަޔާއި، އިސްލާމް ދީނުގެ ސައްޚަ އަގީދާގައި ދެމިތިބޭ ބަޔަކަށް ވުމަށް. ރާއްޖެ މިގެނެވޭ ތަރައްޤީއާއި އެކު ވުމަށް. އެއްވެސް ތަފާތު ކުުރުމެއްނެތި ގެނެވޭ ތަރައްޤީއާއި އެކު ވުމަށް.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މިވެރިކަމުގަިއ ރައްޖޭގެ އެތައް ރައްޔިތަކަށް އަސާސީ އެތައް ޚިދުމަތެއް ގާއިމް ކޮށްދެވިއްޖެކަމަށެވެ. އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް އިންސާފާއިއެކު ޚިދުމަތް ދެމުންދާކަމަށެވެ.

ރައީސް ވިދާޅުވީ މިފަސް އަހަރުގައި ކުރެވެމުންދާ މަސައްކަތަކީ އެމްޑީޕީގެ މެމްބަރުން ހޯދި ކާމިޔާބީކަމަށެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫއަކީ އުންމީދީ މަޝްރޫއެއްކަމަށެވެ. ރައީސް ވިދާޅުވީ މިފަސް އަހަރުގައި ސަރުކާރުން ކުރަމުންދާ ކަންކަމުގައި ކާމިޔާބީއާއި ހަމައަށް ދެވިފައިވަނީ ގިނަ ގޮންޖެހުންތަކާއި އެކުގައިކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށްދަނީ ތަފާތު ކުރުމެއްނެތި އެންމެނަށް މުޅި ރާއްޖެއަށް ހެވާއި ލާބަ ހޯދައި ދެއްވުމަށް ކަމަށެވެ. މިމަސައްކަތުގައި ކުރާނެ ކަމަކީ އެމްޑީޕީއަށް ވެރިކަން ހޯދައި ދެއްވުންކަމަށެވެ. ރާއްޖެއަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުމާއި ހަމަޖެހުން ގެނެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަ ތަރައްޤީގެ ކަންކަން ކުރިއަށްދާނީވެސް އެމްޑީޕީ ވެރިކަމުގައި ދެމި އޮވެގެންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތީ އުފާފާގަތި ދުވަސް ތަކެއްކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު ދެގުނަވެ ވިޔަފާރީގެ އަސިނާއަތްތައް އުފެދި އެތައް ވަޒީފާ އުފެދިގެންދާނެ އާ ޒަމާނެއްކަމަށެވެ. ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ އިޤްތިޞާދީ ދުވެލި އެތައް ގޮތަކުން ރަނގަޅުވަމުންދާކަމަށެވެ. އަތޮޅު ތެރޭގެ ތަރައްޤީ އާއިއެކު އެތައް ރައްޔިތަކަށް އުފާވެރިކަން ލިބިފައިިވާކަމަށެވެ.

މިނިވަން ވޭޖާއި، ހިލޭ ޑިގްރީ ފަދަ އެތައް މަޝްރޫއެއް ތަޢާރަފްކޮށް މިއަދު ރައްޔިތުންނަށް ސީދާ އެކަމުން މަންފާ ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ކާމިޔާބީ ހޯދުމަށް ކަމަށާއި، އެކަމުގައި އެމްޑީޕީން ދެމި އޮންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވަނީ އަޑު އަހައިގެން ކަންކަން ކުރަންކަމަށެވެ. ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރިގޮތްކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނިކުންނާނީ ރައްޔިތުންގެ ޚިޔާލާއިއެކު އެކުލަވާލާ މެނިފެސްޓޯއަކާއި އެކުގައިކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެމްޑީޕީއަކީ އަބަދުވެސް ވިޝަނަރީ ޕާޓީއެއްކަމަށް ވިދާޅުވެ ރައީސް ވިދާޅުވިީ އަބަދުވެސް ދާންވީ މިސްރާބާއި ދާންވީ މަންޒިލް ސާފުކަމަށެވެ.

ރައީސް ޞާލިހު ވަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ދައުވަތު އަރުވާފައެވެ. އަދި އެމަނިކުފާނު ވާހަކަ ނިންމާލަމުން ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރޮއިރޮއި
އެއްބުރުންގެއައްފޮނުވާލާންް ދިވެހިރައްޔިތުންބޭނުންވޭޭ އެއްބުރުންތަންމަތިބޮޑިގެއައްގެންދޭޭ
ޚ ޚަލީލް
އެއްބުރުން އޮޅާލަންޖެހޭނީ