ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭނެއް އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކުރި އައު އޮފިސް ޢިމާރާތް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތުގެ ދަތިކަން މިހާރު މިއޮތީ ވަރަށް ބޮޑުވެފައި ކަމަށެވެ. މީގެ ކުރިން ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އައި ދެ އިމާރާތުގެ ތެރެއިން ހުރަވީ ބިލްޑިންގ ބައުވެ، ބޭނުންނުކުރެވޭވަރު ވުމުން، މިހާރުވާނީ ތަޅާލައިފައިކަމަށެވެ. އަދި ޣާޒީ ބިލްޑިންގ ވެސް އެހުރީ ވަރަށް ބޮޑަށް ބައުވެ، ބޭނުންނުކުރެވޭވަރު ވެފައިކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން، ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން މިއަދު ވަނީ ޖެހިފައިކަމަށެވެ. ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު ކަމަށާއި، އޭގެފަހުން، ސަރުކާރުގެ ޚިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެންދިޔައިރުވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރުވެސް ހޯދިފައެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ސަބަބުން މި ދެންނެވިހެން، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހިފައި އޮތް ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފައި. އަދި މިހާރުވެސް އެކަމަށް ކުރަންޖެހޭ ޚަރަދު ދަނީ ބޮޑުވަމުން. އެހެންކަމުން، މި އިމާރާތުގެ އެންމެބޮޑު ބޭނުމަކީ، މި ދެންނެވި ދަތިކަމަށް ޙައްލެއް ހޯދުން. އަޅުގަނޑަށް އެނގޭ، އަދިވެސް އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާކަން. އަޅުގަނޑުމެންގެ ޕްލޭންގައި އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް، ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ސަރުކާރުގެ އައު އޮފިސް ޢިމާރާތަށް ނަން ދެއްވާފައިވާ ނ.އ.އ.ވ ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތްތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނުގެ ނަންފުޅުން ޢިމާރާތަށް ނަންދެއްވުމުގައި މުހިންމު މަޤްޞަދަކީ ޢުމަރު ޒާހިރުގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެމަނިކުފާނުގެ ހަނދާންތައް ދަމަހައްޓާއި، އެ ޚިދުމަތްތަކުން ފަހުގެ ޖީލުތައް ޢިބުރަތް ހާސިލްކުރުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢުމަރު ޒާހިރުގެ 49 އަހަރުގެ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި ވިދާޅުވީ، ކާތިބެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވައި އެމަނިކުފާނުގެ ޚިދުމަތް ނިންމަވައިލެއްވީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައި ކަމަށެވެ. އަދި އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު މުއްދަތެއްގެ ޤައުމީ ޚިދުމަތް ބަލައިގެންފި ކަމުގެ އެއް ހެއްކަކީ، މި ޢިމާރާތް އެމަނިކުފާނުގެ ނަންފުޅަށް ޚާއްޞަވެގެން ދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢުމަރު ޒާހިރު ބިލްޑިން ހުޅުވިގެން މިދަނީ، މިފަދަ ޢިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މިގޮތުން ސަރުކާރުގެ އޮފީސް ޢިމާރާތްތަކުގެ ތެރެއިން، ހުރަވީ ބިލްޑިންގ ބައުވެ މިހާރު ތަޅާލާފައި ވާއިރު، ޣާޒީ ބިލްޑިންގ ވެސް ހުރީ ވަރަށް ބޮޑަށް ބައުވެ ބޭނުން ނުކުރެވޭވަރުވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ ޢިމާރާތްތަކުގައިކަމަށް ވުމާއިއެކު ކުއްޔަށް ދައުލަތުގެ ބަޖެޓުން ބޮޑުހޭދައެއް ކުރައްވަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ހުޅުވިގެން ދިޔަ މި ޢިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ، އެ ދަތިކަމަށް ޙައްލެއް ހޯއްދެވުން ކަމަށެވެ. އަދި މި ޢިމާރާތުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ބަދަލުކުރެވިގެން ދާއިރު، އެކަމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ ޢިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވުންކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޢުމަރު ޒާހިރު އޮފީސް ޢިމާރާތަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަޞީލަތްތަކާއެކު 25000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެއެވެ. މި އޮފީސް ޢިމާރާތާއި އެކު 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ވަނީ ޤާއިމްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ