އެމްޓީސީސީއާއި އެކު ތާރު އެޅުމުގެ މަސައްކަތް އަވަސްކޮށް ކުރިއަށް ގެންދަން ނިންމުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އަމީނީ މަގުގައި މިހާރު މަސައްކަތް ނިމިފައި ހުރި ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެމްޓީސީސީއާއި ހަވާލު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އާރުޑީސީއަށް އަމާޒުވެފައެވެ. މިގޮތުން އާންމު ފަރާތަކުން ވަނީ މިމަސައްކަތް ކުރުމަށް އެމްޓީސީސީއަށް ހަމަޖެހުނު ބިމެއް އާރުޑީސީއަށް ހަމަނުޖެހެންވީ ސަބަބެއް ނެތްކަމަށް ބުނެފައެވެ.
މިވާހަކަތަކުގެ ރައްދުގައި އާރުޑީސީގެ އެމްޑީ ވިދާޅުވީ އެމްޓީސީސީއާއި އެކު ތާރު އެޅުމުގެ މަސައްކަތް އަވަސްކޮށް ކުރިއަށް ގެންދަން ނިންމުމަކީ ރަނގަޅަށް ކުރެވުނު ކަމެއްކަމަށެވެ. އާރުޑީސީގެ ވެހިކަލްތައް ބަހައްޓާނެ ޖާގަ ނެތުމުން އެމްޓީސީސީއަށް މިމަސައްކަތް ކުރުމަށް ހަވާލު ކޮށްގެން ކުރުމަކީ ރަނގަޅު ކަމެއްކަމަށްވެސް މޫކޭ ވިދާޅުވިއެވެ. އެމްޓީސީސީން ދަނީ މިހާރުވެސް އެއާޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީސީސީއަށް ޖާގައިގެ ދަތިކަމެއް ނޯންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީން މިވަގުތު އެއާޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އެބަދޭ. އެހެންވީމަ އެމްޓީސީސީއަށް ބިމުގެ މައްސަލައެއް ނޫޅޭނެ. އާރުޑީސީ އަށް ބިން ހަމަޖެހެން ދެން ތިބުމުގެ ބަދަލުގައި އާރުޑީސީން އެމްޓީސީސީއާއި އެކު ތާރު އެޅުމުގެ މަސައްކަތް އަވަސްކޮށް ކުރިއަށް ގެންދަން ނިންމުމަކީ ރަނގަޅަށް ކުރެވުނު ކަމެއް.
– މޫކޭ ވިދާޅުވިއެވެ.
MTCC in mi vaguthu Airport gai thaaru elhumuge masahkaiy kuramun ebadhey. Ehenveema MTCC ah bimuge massalaeh noolheyne. RDC ah bin hamajehen dhen thibumuge badhalugai, RDC in MTCC aa eku thaaru elhumuge masahkaiy avas koh kuriah gendhan nimmumakee rangalhah kurevunu kameh. https://t.co/xCc4lYJtYV
— Moosa Ali Manik 🇲🇻 (@VMookey) February 10, 2023
ސަރުކާރުން ބުނެފައިވަނީ މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން އަދި ހަމަޖައްސައި ނުދެވޭތީ މިމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސަބް ފޭސް ހެދުމުގެ މަސައްކަތް ކަމަށާއި 7 ދުވަސްތެރޭގައި މިހާރު މަސައްކަތް ނިމިފައި ހުރި ސެގްމެންޓްތަކުގައި ތާރުއަޅާ ނިމޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނޭއިރު، މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4 ގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތްތައް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވަނީ ހާމަކުރައްވާފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ