ތުރުކީއަށް އައި ބިންހެލުމުގެ ހާލަތު ދެނެގަތުމަށާއި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ރޭ ތުރުކީއަށް ފުރައިފިއެވެ.
ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު އެތައް ސަތޭކަ ޢިމާރަތެއް ފުނޑުފުނޑުވެ ބިމާހަމަވިއެވެ. ވެއްޓި ސުންނާފަތިވިއެވެ. ބިންހެލުން އައި ވަގުތަކީ ގިނަ މީހުން ގެތަކުގައި ނިދާފައި ތިބި ވަގުތެވެ. މިއާއެކު ޢިމާރާތްތަކުގައި ތާށިވެ، އިމާރާތްތަކުގައި ދަށުގައި އެތައް ހާސް ބަޔަކު އަދިވެސް ތިބީ ތާށިވެފައެވެ.
ތުރުކީއަށް އައި ބިންހެލުމުގެ ހާލަތު ދެނެގަތުމަށާއި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ފުރުމުގެ ކުރިން އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކުރި ޓިކްޓޮކެއްގައި ވިދާޅުވީ ތުރުކީގެ އެންމެ ފަހުގެ ހާލަތު ބެލުމަށާއި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް އެ ގައުމަށް ފުރާ ކަމަށެވެ. ބޭނުމަކީ ކިތަންމެ ކުޑަ ނަމަވެސް އެހީއެއް އަޅުގަނޑުމެން ފަރާތުން ވެދެވެން އޮތް ނަމަ ދެވެން އޮތް ވަރަކަށް ދިނުން ކަމަށް އެ ވީޑިއޯގައި އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައި ވިޔަސް އަޅުގަނޑުމެންނަކީ ހާލުގަ ޖެހިފައި ތިބި ބަޔަކަށް އެހީތެރިވުމަށް އިސް ސަފުގަ ތިބޭ ބައެއް.
– ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއީސީ) އާއެކު ކުރާ މި ދަތުރުގައި ތުރުކީގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
ބިންހެލުންތަކުގައި އެތަކެއް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްސަގޮތެއްގައި އެތަކެއް ބަޔަކު ޒަޚަމްވެފައިވުމުގެ ސަބަބުން ހޮސްޕިޓާތަކަށްވެސް ވަނީ ބާރުބޮޑުވެފައެވެ. އެހެންކަމުން އެކި ޤައުމުތަކުން ސިއްޙީ އެހީތެރިކަންވެސް އަންނަނީ ފޮރުކޮށްދެމުންނެވެ.
މި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރޮސަންޓުން ވަނީ ބީއެމްއެލްއާއި އެމްއައިބީގައި އެކައުންޓް ހުޅުވާ ފައިސާ ޖަމާކުރުމުގެ ފުރުޞަތު މިމަހުގެ 14 އަށް ހުޅުވާލާފައެވެ. ތުރުކީވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 19,000 އަށްވުރެ މައްޗަށް އަރާފައެވެ. މިއަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވޭކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.