މާލޭގެ މިސްކިތްތައް ރަނގަޅު ޙާލަތުގައި ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ ދަށުން ވިލިމާލޭ ބިއްރި މިސްކިތް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙަވާލުވެއްޖެކަމުގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ވިލިމާލޭ ބިއްރި މިސްކިތަކީ މިސްކިތުގައި ބޮޑަތި މަރާމާތުތަކެއް ހުރި މިސްކިތަކަށް ވުމާއެކު މާލޭ ސިޓީ ކައުންސިލުން މިހާތަނަށްވެސް ދިޔައީ މަރާމާތުކުރުމުގެ މަސައްކަތްކުރަމުންކަމަށް އެކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މިހާރުވެސް ކުލަލުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށާ، މިމިސްކިތަށް މިހާތަނަށް ކައުންސިލުން ކުރި މަސައްކަތްތަކުގެތެރޭގައި އެއަރކޯންތައް ރަނގަޅުކުރުމާ، ވުޟޫކުރާބައިގެ މުށިތައް ބަދަލުކުރުމާ، ސީލިންގް ފަންކާތަށް ބަދަލުކުރުމާ، ފެންއިސްކުރުތަށް ބަދަލުކުރުމާ، ޑައުން ލައިޓްތައް ބަދަލުކުރުމާ، ކޯޑްލެސް މައިކް ބަދަލުކުރުން ހިމެނޭކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މީގެ އިތުރުން މިސްކިތުން ފެންފައިބާތީ މަތީ ޝީޓް ވޯޓަރ ޕްރޫފްކުރުމުގެ މަސައްކަތާ ސީލިންގް ރަނގަޅުކުރުމުގެ މަސައްކަތްކުރެވުނެވެ. މިސްކިތުގެ މަސައްކަތްތަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުވެފައިކަން ކައުންސިލުން ފާހަގަކުރައްވައެވެ.
މި މަސައްކަތްތައްކުރެވުނުކަމުގައިވިއަސް ކުރިން ނުފެންނަ ބައެއް މައްސަލަތަށް ހުރުމާއެކު މިސްކިތުގެ ސީލިންގުން ބައެއް ވެއްޓި ބޮޑު މަރާމާތަކަށް ގޮސްގެން ނޫނީ ރަނގަޅުނުކުރެވޭގޮތްވަނީ ދިމާވެފައިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިމިސްކިތުގެ އެންމެހާ މަރާމާތެއް ކުރުމާއެކު މިސްކިތް ބެލެހެއްޓުން ހެޔޮއެދޭ ފަރާތަކުން ޙަވާލުވެ ރޯދައަށް މިސްކިތް ނިންމުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާގޮތަށް މިހާރުވަނީ ހަމަޖެހިފައިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ