ތުރިކީގެ ދެކުނުގެ ސަރަހައްދަށާއި، އަދި ސީރިއާގެ އުތުރަށް މިއަދު އައި ވަރުގަދަ ބިންހެލުމުގައި މަރުވީ މީހުންގެ އަދަދު 1،600 އަށް އަރައިފިއެވެ.
މިންގަޑުން 7.8ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މި ސަރަހައްދުގެ ގިނަ އަދަދެއްގެ ގެތައް ވަނީ ބިމާއި ހަމަވެފައެވެ. ބިންހެލުން އައިސްފައިވަނީ ތުރުކީގެ ގިޒައިންޓެޕަށް، ހޯމަ ދުވަހުގެ ރޭގެ ދަންވަރު މީހުން ގަދަ ނިދީގައި ތިއްބައެވެ.
އަދި އެއަށްފަހު މިއަދު ތުރުކީގެ ގަޑިން މެންދުރު 13:30ގައިވެސް ވަނީ މި ސަރަހައްދުތަކަށް މިންގަޑުން 7.5ގެ ބާރުމިނުގައި ވަރުގަދަ ބިންހެލުމެއް އައިސްފައެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ މިއީ "އާފްޓަރ ޝޮކް"އެއް (ކުރީގެ ބިންހެލުމުގެ އަސަރެއް) ނޫން ކަމަށާއި، މިއީވެސް ވަރުގަދަ ބިންހެލުމެއް ކަމުގައެވެ.
ތުރުކީގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޭ ދަންވަރު އައި ފުރަތަމަ ބިންހެލުމުގައި އެކަނިވެސް ތުރުކީން 1،000 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމުގައެެވެ. އަދި އެ ބިންހެލުމުގައި ގެއްލުން ލިބުނު މީހުންގެ އަދަދު 5،300 އަށް އަރާފައި ވެއެވެ.
ސީރިއާގެ ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މި ބިންހެލުމުގައި އެގައުމުގެ 783 މީހުން މަރުވެފައި ވެއެވެ. އަދި އެގައުމުގެ 2،000 މީހުންނަށް އަނިޔާވެފައިވާ ކަމުގައި އޭއެފްޕީން ރިޕޯޓު ކޮށްފައި ވެއެވެ.
ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ މި ހެލުމުގައި، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ވެފައިތި ފަރާތްތައް ސަލާމަތްކުރުމަށް، މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަދި ތުރުކީން ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދުމާއެކު ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން މިހާރުދަނީ ތުރުކީއަށް އެހީވާނެކަން އިއުލާން ކުރަމުންނެވެ.
މި ބާރުގަދަ ބިންހެލުމުގެ އަސަރު ތުރުކީގެ އިތުރުން، ސީރިއާ، ލުބުނާން، ސައިޕްރަސް އަދި އިސްރާއީލުގައި ދިރިއުޅޭ ބައެއް މީހުންނަށް އިހުސާސް ވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ