ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ގެ ކުރިއަށް އޮތް ފިލްމް "ބްލައިންޑް" ނެރުން ފަސްކޮށްފިއެވެ. މި ފިލްމް އަކީ މިދިއަ އަހަރުގައިވެސް ރިލީޒް ކުރުމަށް ނިންމި ފިލްްމްއެކެވެ. ނަމަވެސް އެކިއެކި ސަބަބު ތަކާއި ހުރެ ފިލްމް ނެރުން ފަސްކުރުމަށް ފަހު އޯޓީޓީ ޕްލެޓްފޯމެއްގައި ފިލްްމް ނެރޭގޮތަށް ވަނީ ހަމަޖައްސައިފައިއެވެ.
ނަމަވެސް ފިލްމް އަނެއްކައިވެސް މިވަނީ ލަސްވެފައިއެވެ. ފިލްމް ލަސްވި އިރުގައި މި ފިލްމް ދެން ރިލީޒް ކުރާނީ ސިނަމާގައި ކަމެއް ނުވަތަ އޯޓީޓީ ޕްލެޓްފޯމްގައި ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ފިލްމްގެ ޓީމުން ބޭނުން ވަނީ ފިލްމް އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ކުރުމަށެވެ. ނަމަވެސް އެއްވެސް އޯޓީޓީ ޕްލެޓްފޯމް އަކުން ފިލްމް އަގުބޮޑުކަމުން ގަންނަން ބޭނުމެއް ނުވެއެވެ. ޓީމުން މި ފިލްމް ވިއްކާލަން ބޭނުންވަނީ 40 ކްރޯޑް ރުޕީސް އަށެވެ. ނަމަވެސް އެއަގު މާބޮޑުކަމުން މި ފިލްމް ގަންނަށް އަދި އެއްވެސް ބަޔަކު އާނ ބަސް ދީފައެއް ނުވެއެވެ.
މިފިލްމް އަކީ ވިހެއުމަށްފަހު ސޯނަމް ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ސޯނަމް އަށް އަލަތު ދަރިފުޅު ލިބިފައި ވަނީ މިދިއަ އަހަރުގައިއެވެ. 2018 ވަނަ އަހަރުގައި ވިޔަފާރީވެރިއާ އާނަންދު އަހޫޖާ އާއި ކައިވެނި ކުރިފަހުން ބޮލީވުޑްއާއި ވަރަށް ބޮޑަށް ފެޔަށް ޖެހިފައިވާ ސޯނަމް އެބުރި އައުން ފާހަގަ ކުރާ ފިލްމް "ބަލްއިންޑް" އަކީ 2011 ވަނަ އަހަރު ރިލީޒްކުރި ކޮރެއާގެ ފިލްމު "ބްލައިންޑް" ގެ އޮފިޝަލް ރީމޭކެކެވެ.
ހަމަ އެ ނަމުގައި 2011 ވަނަ އަހަރު ރިލީޒްކުރި ކޮރެއާ ފިލްމުގެ އޮފިޝަލް ރިމޭކެއް ކަމަށްވާ ބްލައިންޑް އަކީ ސީރިއަލް ކިލާއެއް ހޯދަން ބްލައިންޑް ޕޮލިސް އޮފީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝޯމް މަޚީޖާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕޫރަބް ކޯލީ، ވިނޭ ޕަޓަކް އަދި ލިލެޓް ދުބޭ ހިމެނެ އެވެ.
ސޯނަމް ކަޕޫރު އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2019 ގައި ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އިންނެވެ.