ކާތިކް އާރިޔާން ސޮއިކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމް "އާޝިގީ 3″ ގެ ބަތަލާ އަކަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ބަތަލާ ސާރާ އަލީ ހާން ސޮއިކޮށްފައިވާ ކަަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ.
މިދިއަ އަހަރު ކާތިކް އާއި އެކުގައި މި ފިލްމް އިއުލާން ކުރުމާއި ހަމައިން ފެށިގެން މި ފިލްމްގެ ވާހަކަތަށް އަންނަނީ މީޑިއާގައި ދެކެވެމުންނެވެ. އަދި ފިލްމް އަށް ކާތިކް އާއި އެކުގައި ތަފާތު ބަތަލާއިން ނަގާ ކަމުގެ އަޑުތަށް ގަދަވި ނަމަވެސް ސާރާ މިހާރު ފިލްމްގެ ބަތަލާ އަކަށް ސޮއިކޯށްފައިވާކަމަށް އެންމެ ފަހުގެ ހަބަރުތަށް އަންނަނީ ބުނަމުންނެވެ.
ސާރާގެ އިތުރުން މި ފިލްމްގެ ރޯލަކުން ޕަންކަޖް ތްރިޕާޓީ ވެސް ފެނިގެން ދާނެއެވެ. "އާޝިގީ 3″ ގެ ޑައިރެކްޝަނާ ހަވާލުވެފައިވާ އަނޫރާގް ބާސޫ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން އޮތް އެންތޮލޮޖީ ފިލްމު "މެޓްރޯ: އިން ދިނޯ" ގެ ކާސްޓްގައި ވެސް ސާރާ އާއި ޕަންކަޖް ހިމެނޭކަމެވެ. މި ފިލްމް ގައި ސާރާއާއި އެކުގައި ފެނިގެން ދާނީ އަދިއްތިޔާ ރޯއީ ކަޕޫރުއެވެ.
ސާރާ އާއި ކާތިކް ވަނީ މީގެ ކުރިން ވެސް ފިލްމް އަކުން ފެނިގެން ގޮސްފައިއެވެ. ރޮމޭންޓި ކޮމޭޑީ ފިލްމް "ލަވް އާޖްކަލް" އަކީ މާބޮޑު ކާމިޔާބެއް ލިބުން ފިލްމްއެއް ނޫނެވެ. މި ފިލްމް ކުޅުން ދުވަސް ވަރުގައި މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުން ވެސް މެއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ އެމީހުން ވަނި އެގުޅުން ނިމުމަކަށް ވެސް ގެނެސްފައިއެވެ.
"އާޝިގީ" މި ނަމުގައި މީގެ ކުރިން ވަނީ ދެ ފިލްމް އެއް ގެނެސް ދީފައިއެވެ. މި ފިލްމް ތަކަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަދައިފާ ފިލްމް ތަކެވެ. އެގޮތުން 1990 ވަނަ އަހަރު ގެނެސްދިން "އާޝީގީ" އަކީ ފިލްމްގެ އިތުރުން އެ ފިލްމްގެ ލަވަތަށްވެސް ވަރަށް ބޮޑަށް މަގުބޫލުވި ފިލްމްއެކެވެ. ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވަނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލްއެވެއެވެ.
"އާޝިގީ 2″ ގެ ނަމުގައި 2013 ވަނަ އަހަރު ވެސް ވަނީ ފިލްމްއެއް ގެނެސްދީފައިއެވެ. ލީޑޫން އަދިއްތިޔާ ރޯއީ ކަޕޫރު އާއި ޝްރައްދާ ކަޕުރު ފެނިގެންދިއަ މި ފިލްމް އަކީ ވެސް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އަދި ހަމަ އެއާއި އެކުގައި އެހާމެ އަސަރުގަދަ ލަވަތަކެއްވެސް ހިމެނޭ ފިލްމްއެކެވެ. މި ދެފިލްމް އަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމްއެވެ.
މި ފިލްމު ހަދަން ނިންމާފައި ވަނީ "އާޝިގީ"ގެ ކުރީގެ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބޫޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. މީގެ މިއުޒިކް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޕްރިތަމް އެވެ.