އެންމެ ގިނައިން މީހުން ސްޓްރީމްކުރި އާޓިސްޓުގެ ރެކޯޑު، އިންޑިއާގެ އެންމެ ރީތި އަޑުގެ ވެރިއާގެ ގޮތުގައި މަޝްހޫރު ލަވކިއުންތެރިއާ އަލްކާ ޔަގްނިކަށް ލިބިއްޖެ އެވެ.
އަލްކާގެ އަޑަކީ އޭގެ ޖާދޫގައި ގިނަބަޔަކު ޖެހިފައިވާ އަޑެކެވެ. މީ ޖެހިޖެހިގެން އޭނާ އަށް މި މަގާމް ލިބުން ތިންވަނަ ފަހަރެއެވެ. ދުނިޔޭގެ ބައެއް މަޝްހޫރު ލަވަކިއުންތެރިން ކަމުގައިވާ ޓޭލާ ސްވިފްޓާއި، ބީޓީއެސް އާއި ބިޔޯންސޭ ފަދަ ނަންތަށް ފަހަތަށް ޖައްސައިލާ އަލްކާ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މަގާމު ދިފާއު ކޯށްފައި ވާއިރުގައި މިދިޔަ އަހަރު އަލްކާގެ ލަވަތަކަށް 15.3 ބިލިއަން ސްޓްރީމް ލިބިފައިވެ އެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 42 މިލިއަން ސްޓްރީމެވެ.
ގިނިސް ވޯލްޑް ރެކޯޑް ފޮތުގެ ރިޕޯޓުގައިވާ ގޮތުން، އޭނާ އެ ރެކޯޑު 2021 ވަނަ އަހަރު 17 ބިލިއަން ސްޓްރީމާ އެކު ހޯދާފައި ވާއިރު، 2020 ވަނަ އަހަރު އެ ރެކޯޑު ހޯދީ 16.6 ބިލިއަން ސްޓްރީމާ އެކު އެވެ.
ބޮޑު ފޭން ބޭސް އެއް އޮންނަ އަލްކާ ވަނީ ފިލްމުފެއަރ އެވޯޑުގެ އެންމެ މޮޅު އަންހެން ޕްލޭބެކް ލަވަކިޔުންތެރިޔާގެ މަޤާމު 36 ނޮމިނޭޝަނުން 7 ފަހަރު ހޯދާފައެވެ. އޭނާ ވަނީ ދެ ޤައުމީ އެވޯޑުވެސް ޙާޞިލުކޮށްފައެވެ. އަލްކާއަކީ ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގެ ތާރީޚުގައި އެންމެ ގިނައިން ސޯލޯ ލަވަ ކިޔާފައިވާ އަންހެން ފަންނާނުވެސްމެއެވެ.
ރީތި އަދި ހިތްގައިމު ލަވަތަކެއް އާންމުންނަށް ދޫކޮށްލާފައިވާ އަލްކާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 1990 ގެ އަހަރުތަކުގައެވެ. ގާތްގަނޑަކަށް 40 އަހަރުގެ ދިގު ކެރިއަރުގައި އަލްކާވަނީ އަލްބަމްތަކާއި ފިލްމުތަކަށްވެސް 20،000 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައެވެ.
ކޮމެންޓު ފޮނުވާ