ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ ހުކުމް 29 ވަނަ ދުވަހު

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ ހުކުމް 29 ވަނަ ދުވަހު

Author
އަހުމަދު
13 އޮކްޓޯބަރ 2026 11:50
0

 

ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް، މި މަހުގެ 29 ވަނަ ދުވަހުގެ 11:00 ގައި އިއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ގާޒީ އަލީ ނަދީމް ބައްލަވާ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ މިއަދު ޚުލާސާ ބަޔާން އިއްވުމާއެކުއެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ރައީސް ޔާމީންގެ ފަރާތުން ބުނަނީ ދައުވާއަށް އެއްވެސް އަސާސެއް ނެތް ކަމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތު ދިން ހެކިބަހަށް ބަރޯސާ ނުވެވޭނެ ކަމަށެވެ. އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާކަމަށްވެސް ދިފާއުގައި ބުނެއެވެ.

ނަމަވެސް ދައުލަތުން ބުނާ ގޮތުގައި، އެ ފައިސާ ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެންނެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިނގި ކޮރަޕްޝަނަކީ އެ މަނިކުފާނުގެ އެންގެވުމުގެ މަތިން ކުރެވުނު ކަންކަމެވެ. ޑޮލަރު މާރުކުރީ ކަމުގައިވާނަމަ، އޭގެ ބަދަލުގައި ދިން ދިވެހި ރުފިޔާ ކޮބައިތޯ ސުވާލުކުރައްވައި، އެ ދިފާއު ބަލައިނުގަތުމަށް ދައުލަތުން ކޯޓަށް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.