މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ، އެތަނުގައި ތިބި މީހުންނަށް ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރަކާއެކު އިއްޔެ ހައްޔަރުކުރީ ގ. ޤަޞްރު/ ކ. މާލެ، ޠަލާލް މުޙައްމަދު (41) އާއި ނައިޓްރޯސް/ މ. މުލި، އަޙްމަދު ޢުބައިދު (46) ކަމަށެވެ.
ފުލުހުންގެ މަޢުލޫމާތުން ދައްކާގޮތުގައި، މި ހާދިސާ ހިނގީ އޮކްޓޫބަރު 8 ވަނަ ދުވަހުއެވެ. މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ގަލޮޅުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަ ނެތި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައިގެން ފައިސާ ފޭރުމުގެ ޢަމަލުގައި ބައިވެރިވިކަމުގެ ތުހުމަތެވެ.
ބަންދާމެދު ނިންމުމަށް ދެމީހުން ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދަމުންދެއެވެ.
ކޮމެންޓު ފޮނުވާ