ރައީސްގެ އިރުޝާދަކީ އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރަޓިކް އިންތިޚާބަކަށް ހެދުމަށް މަސައްކަތް ކުރުމަށް

ރައީސްގެ އިރުޝާދަކީ އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރަޓިކް އިންތިޚާބަކަށް ހެދުމަށް މަސައްކަތް ކުރުމަށް

މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓަކީ ޕާޓީގެ އެންމެހާ ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރަޓިކް އިންތިޚާބަކަށް ހެދުމަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު ކެމްޕޭން ޓީމްތަކަށާއި އެންމެހާ ސަޕޯޓަރުންނަށް އިރުޝާދު ދެއްވާފައިވާކަމަށް، ރައީސް ސާލިހުގެ "އެމްޑީޕީ ކުރިއަށް" ކެމްޕޭން ޓީމުން ހާމަ ކޮށްފިއެވެ.

ރައީސް ސާލިހުގެ ކެމްޕޭންޓީމުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ އެތެރޭގެ މި އިންތިޚާބަށްފަހު މުޅި ޕާޓީ އެކީ ކުރިޔަށް ގޮސް މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ، ޒާތީ ތައްސުބާއި އެކަށީގެން ނުވާ ބަހުރުވައާއި ޒުވާބާ ޖަދަލު ކުރުމުގެ ތެރެއަށް ނުވެއްޓި ކެމްޕޭނުގައި ދެމިތިބި މެމްބަރުންނަށް ރައީސް ސާލިހު ޝުކުރު އަދާ ކުރައްވާ ކަމުގައެވެ.

ރައީސް ސާލިހުގެ ކެމްޕޭން ޓީމުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި، މިނިވަން ޑިމޮކްރަޓިކް ދެފުށްފެންނަ އިންތިޚާބީ އުސޫލުތައް ރާއްޖޭގައި ތައާރަފްކުރި، އެޕާޓީގެ އެތެރޭގެ އިންތިޚާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އެއްވެސް އަސާސެއްނެތި އެފަދަ ތުހުމަތާއި އިލްޒާމް އެޅުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އަދި އޭގެ އިތުރުން މިފަދަ ރޭވުންތަކުން އެއްކިބާވެ މި ޕްރައިމަރީ ޑޮމިކްރަޓިކް ރޫޙެއްގައި އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތްކޮށް، އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު، އެންމެ ބަދަހި އަދި އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަން ރާއްޖެއަށާއި ދުނިޔެއަށް ދައްކައިދޭ ފުރުސަތަކަށް މި ޕްރައިމަރީ ހެދުމަށްވެސް "އެމްޑިޕީ ކުރިަޔށް" ކެމްޕޭނުން އިލްތިމާސް ކޮށްފައި ވެއެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ޞާލިހުވެސް ރައީސް ނަޝީދުވެސް ވިދާޅުވަމުންދަވާފައިވަނީ މިއިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރްއްވަނެ ކަމުގައެވެ.

އެމްޑީޕީން ބުނެފައިވަނީ މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓިފައި ވާކަމުގައެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާފައި ވާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިޚާބުގައި މޮނީޓަރުންގެ މީޑިއާތަކުންވެސް ހަރަކާތްތެރި ވާނެއެވެ. މިގޮތުން ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހަކަށް ކަމަށް އެމްޑޕީން ވަނީ ބުނެފައެވެ.

މިއިންތިޚާބުގައި ވޯޓުލާ އެމްޑީޕީގެ ވޯޓާސް ހިމެނެނީ އެޕާޓީގެ 57،257 މެމްބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *