ޕްރައިވެޓް އައިލެންޑް ތަރައްްޤީކޮށްގެން އެކްއިޒިޝަން ފީގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމަޢީލް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހިމަނާ ޓޫރިޒަމްގެ ޤާނޫނަށް ވަނީ 20 އިޞްލާހެއް ހުށައަޅާފައެވެ. ޓޫރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވަ އިޞްޅާހުތަކުގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ހިމަނާފައެވެ. އަދި ގެސްޓްހައުސް ފަދަ ތަންތަނުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިން ވިއްކައިގެންވެސް އާމްދަނި އިތުރުކުރުމަށް ވަނީ ހިމްނާފައެވެ.މި އިޞްލާހުތަކާއި ގުޅޭގޮތުން މައުލޫމާތު ސާފްކުރުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވަނީ ޙާޒިރުވެވަައިގެންފައެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ މިއިޞްލާހުތަކާއެކު ޓޫރިޒަމް ސިޏާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާލުވީ، އިޞްލާހުގައި ބުނެފައިވާ ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ސަރުކާރުން ހުށަހަޅާފައި ވަނީ، ދައުލަތުގެ ދަރަނި ބޮޑުވެ، ވިހާވެސް އަވަހަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައިކަމަށެވެ. މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ތަޢާރަފްކުރުމާއި ގުޅޭގޮތުން އެކަންކަން ކުރާ އިންވެސްޓަރުންނާއެކު ޓޫރިޒަމް މިނިސްޓްރިއާއި ގުޅިގެން މަޝްވަރާކުރަމުން އަންނަކަަމަށެވެ. މިނިސްޓަރ ވިދާޅުވީ 3 ހެކްޓަރު ނުވަތަ 4 ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 މިލިއަން ޑޮލަރުގެ އެކްއިޒިޝަން ފީއެއް ލިބޭނެކަމަށެވެ. އެހެންކަމުން 20 ރަށް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފިނަމަ ދަރަނި ކުޑަކުރުމަށް ބައިލައްކައެއްހާ ޑޮލަރު ލިބޭނެކަމަށް އުއްމީދު ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕްރައިވެޓް އައިލެންޑް ވަރަށް ބޮޑެތި މުއްސަނދިންނަށް، ޓޫރިޒަމްގެ ބޭނުމަކަށްނޫން މިޤާނޫނުން މިދެނީ. އެމީހުންގެ އަމިއްލަ ބޭނުމަށް. ދެން ދުނިޔޭގެ ވަރަށް ގިނަ ތަންތާ ކުރާކަމެއް ވަރަށް ރަނގަޅު މޮޑެލެއްގައި ކުރެވޭކަމެއްމީ. އަޅުގަނޑުމެންނަށް ލަފާކުރެވެނީ ވަރަށް ލިމިޓެޑް އެޑިޝަންއެއްގެ ގޮތުގައި މަދު ރަށްކޮޅެއް އުފައްދައިގެން ފުދޭވަރެއްގެ ބޮޑު ރެވެނިއުއެއް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެކަމަށް.
-އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމަޢީލް
ޕްރައިވެޓް އައިލެންޑް ހެދުމަށް ދޫކުރާނީ މިހާރު ހުރި ރަށްތައް ނޫންކަމަށާއި، އެއީ ފަޅުން ބައެއް ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުއެއްކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ރާއްޖޭއަށް އާމްދަޏި އިތުރުކުރުމަށް އަލަށް ގެންނަ ބަދަލުތަކެއްކަމަަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ