އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)އިން ވިލިމާލޭގައި ފަށާފައިވާ ބަހުގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އާރުޓީއެލްއިން އާންމު ކޮށްފައި ހިސާބުތައް ދައްކާގޮތުގައި ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭނެ ފެށިތާ އެންމެ 4 ދުވަހުގެ ތެރޭގައި 8،105 މީހުން ބަހުގައި ދަތުރު ކޮށްފައި ވެއެވެ.
އާރުޓީއެލްއިން ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ފަަށާފައިވަނީ މިމަހުގެ 20 ވީ ހުކުރު ދުވަހުއެވެ. އާރުޓީއެލްއިން ހާމަ ކޮށްފައިވާ ޚިދުމަތް ފެށި ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ޚިދުމަތުގެ ބޭނުން ކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމުގައެވެ.
މިގޮތުން ޚިދުމަތް ދޭން ފެށި ދުވަހު 462 މީހުން ޚިދުމަތް ހޯދާފައިވާއިރު ޖެހިގެން އައި ހޮނިހިރު ދުވަހު 1،733 މީހުން، އަދި އާދީއްތަ ދުވަހު 2،517 މީހުން، ހޯމަ ދުވަހު 3،393 މީހުން ވަނީ މިނީ ބަހުގެ ޚިދުމަތް ހޯދާފައެވެ.
ވިލިމާލޭގައި އެމްޓީސީސީން ފޯރުކޮށް ދެމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރަމުން ދަނީ ތިމާވެއްޓާއި ރައްޓެހި 6 (އިލެކްޓްރޯނިކް ވެހިކަލް) އީވީ އެވެ.
މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުރުމުގެ އިތުރުން 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނައިރު މިއީ ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ ހުރި ބަސްތަކެއްކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް މުޅިން އަލަށް ދޭނަ ފަށާފައިވާއިރު، ފުރަތަމަ ތިން ހަފްތާއަށް މި ޚިދުމަތް ފޯރުކޮށްދޭނީ މުޅިން ހިލޭއެވެ. އޭގެ ފަހުން މިޚިދުމަތަށް އަގު ނެގި ނަމަވެސް، އުމުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންގެ އައިޑީކާޑު ދެއްކުމުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުން އެފަރާތްތަކަށް ބަހުގެ ޚިދުމަތް ހިލޭ ލިބޭނަކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން މިހާރު ދަނީ ވިލިމާލޭގައި މި ޚިދުމަތަށް ނަގާ އަގުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 5:35 އިން ރޭގަޑު 0:00 އަށް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ބަސް ހުއްޓިއަކުންވެސް މި ޚިދުމަތް 5 މިނިޓާއި 10 އާއި ދެމެދުގެ ވަގުތު ކޮޅެއްގެ ތެރޭގައި ލިބެމުން ދާނެއެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި ބަސް ރޫޓުތައް ކަނޑައަޅާފައިވަނީ އާންމުން އެންމެ ގިނައިން ދާންޖެހޭ ތަންތަން ދެނެގަތުމަށްފަހުއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލާއި ފެރީ ޓާރމިނަލް އަދި ބީޗުތައް ހިމެނެއެވެ.
އެމްޓީސީސީން ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށާފައިމިވަނީ ވިލިމާލޭ ބަގީގެ ޚިދުމަތް އަންނަމަހުން ކުރީކޮޅުން ފެށިގެން ދިނުމަށް ތައްޔާރުވަމުން ދާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަ ކޮށްފައި ވަނިކޮށެވެ. މާލޭ ސިޓީ ކައުންސިލުން ހާމަ ކޮށްފައިވަނީ އެ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ފޯރުކޮށްދޭނީ 10 ބަގީގެ ބޭނުން ކޮށްގެން 24 ގަޑިއިރުވެސް ޚިދުމަތް ލިބޭ ގޮތަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ