ކޯވިޑް19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި ވެންޓިލޭޓަރު އަދާއި ހަމައަށްވެސް ރާއްޖެ އައިސްފައި ނުވާކަމަށާއި، ވެކްސިނަށް އެހެން ވެއްޖެނަމަ އެއީ ވަރަށް ޚައްސާސް މައްސައަކަށް ވެގެންދާނެ ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއާއި ލިޔުމުން ޖަވާބު ދެއްވުމަށް މިއަދު ކުރެވިފައިވާ ދެސުވާލުގެ ޖަވާބު ދެއްވުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ މިނިސްޓަރ ނަސީމް މިއަދު މަޖިލީހަށް ވަޑައިގެންނެވިނަމަ ވެކްސިނާއި ގުޅޭ އަޕްޑޭޓެއްވެސް ލިބުނީސްކަމަށެވެ. ނަމަވެސް ޤަބޫލު ކުރައްވަނީ ވެންޓިލޭޓަރުތަކަށް ވީގޮތް ވެކްސިނަށް ދިމާނުވުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ވެކްސިންގެ ކަންތައް، ވެންޓިލޭޓަރަށް ވީ ގޮތަށް ވެ ނުދިއުމަށް މިހާރުއްސުރެ އަޅުގަނޑުމެން އެ ކަމަށް ސަމާލުވެ ތިބެންޖެހޭ. އަދިވެސް ވެންޓިލޭޓަރެއް ރާއްޖެ އަށް މިކަމާ ގުޅޭ ގޮތުން ގެނެވިފައި އޮތީކީ ނޫން. އެގޮތަށް ވެކްސިން އަށް ކަންތައްތައް ދިމާވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް އެކަން ވެގެން ދާނެ.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނައީ ދައުވާއެއް އުފުލޭވަރާއި ގާތަށްވެސް ހެކި އޭސީސީއަށް ހުށަހެޅިފައި ނެތުމުން މިމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމާފައިވަނީ ނިންމާފައެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބު ހަމާކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ ޤާނޫނާއި ޚިލާފް ކޮންމެ ކަމަކީ ކޮރަޕްޝަނަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް ވަކި މަންފާއެއް އެކަމުގައި އެކުލެވޭނަމަ އެކަމެއް ކޮރަޕްޝަނަށް ވާނެކަމަށެވެ. ޕީޖީ ވިދާޅުވީ އެއޮފީހުން މަސައްކަތް ކުރަނީ އިދާރީ ގޮތުން މިކަމުގައި އަމަލުކޮށްފައިވާ މީހުން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް ނޫންކަމަށެވެ. އެއޮފީހުގެ ޒިންމާއަކީ ޖިނާއީ ގޮތުން މިމައްސަލާގައި ދައުވާ ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުންކަމަށެވެ. ނަމަވެސް އޭސީސީން ފޮނުވާފައިވާ ތަހުގީގަށް ބަލައި މިމައްސަލާގައި ދަޢުވާ ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ