މައްސަލައަކީ ތިމާ އެންމެ ބޭނުންވާ މީހާ މިވަގުތު ވެރިކަމުގަ ނެތުން: މަހުލޫފް

މައްސަލައަކީ ތިމާ އެންމެ ބޭނުންވާ މީހާ މިވަގުތު ވެރިކަމުގަ ނެތުން: މަހުލޫފް

Author
ހުސެއިން
20 ޖެނުއަރީ 2023 11:16
0

އެމްޑީޕީގެ އެތެރޭގައި ޖެހިގެން އުޅޭ ހަގީގީ މައްސަލައަކީ ތިމާ ބޭނުންވާ މީހާ ވެރިކަމުގަ ނެތުން ކަމުގައި، މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިރޭ އާރޓިފިޝަލް ބީޗުގައި ކުރިޔަށްދިޔަ "އެމްޑީޕީ ކުރިއަށް" ކެމްޕޭންގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އެންމެ ހިތް އެދޭ ކަންކަން ބައެއް ފަހަރަށް ނުވެދާ ކަމަށާއި، އެކަންކަން ގަބޫލުކުރަން ޖެހޭ ކަމުގައެވެ.

އެ ރިއަލިޓީ ގަބޫލުކުރަން އެބަޖެހޭ. މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު، ބޭފުޅަކު އައިސް މިއަދު ރާއްޖޭގެ ވެރިކަން ކުރާތީ. ހަމައެކަނި މާލޭ މީހުން ކުރަން އޮތް ކަމެއް ނޫނޭ އިނގޭތޯ ވެރިކަމަކީ. މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް ކެބިނެޓާއި ސިޔާސީ ހުރިހާ މަގާމްތަކަށް މީހުން އައްޔަނު ނުކުރުން. މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން. މައްސަލައަކީ ވެރިކަން ރައީސް ސޯލިހަށް ދެއްވީވެސް ތިމަންނާ އެކަނިކަމަށާއި، ވެރިކަމުން ބާލާނީވެސް ތިމަންނާ އެކަނިކަމަށް ގަބޫލުކުރެވޭ ކުރެވުން.

އެމްޑީޕީގެ އެތެރޭގައި ޖެހިގެން ހަގީގީ މައްސަލައަކީ ނަޝީދު ނޫން މީހަކަށް ވެރިކަމުގައި ނުހެރެވޭނެކަމަށް ނަޝީދަށް ގަބޫލުކުރެވުން ކަމަށް މޭރުން ކުރައްވަމުން މަހުލޫފް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ވެރިކަމަށް ޝައުގުވެރި ވުމަކީވެސް އަދި ވެރިކަމަށް ވާދަކުރެއްވުމަކީވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމުގައެވެ. އަދި އެއީ އެއްވެސް މަސަލައެއް އޮތްކަމެއް ނޫންކަމަށް ވިދާޅުވަމުން މަހުލޫފް ވިދާޅުވީ އެހެންނަަވެސް އެމްޑީޕީގެ ތެރެއިން ވެރިކަމަށް އަންނަން އެކުރާ މަސައްކަތަކީ އަމިއްލަ ޕާޓީތެރޭގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ތެރެއިން ކުރާ ކަމަކަށް ވާނަމަ، އެއީ ވަރަށް ދެރަ ކަމެއް ކަމުގައެވެ.

މަހުލޫފު ވިދާޅުވީ ބެސްޓު ފްރެންޑް ހަތުރަކަށް ބަދަލުކޮށް، އަމިއްލަ ޕާޓީގެތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާކަމީވެސް ހިތާމަކުރާ ކަމެއް ކަމުގައެވެ.

އޭނާ ވިދާޅުވީ ކުރިޔަށް އޮތް ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެނަމަ އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރާނެ ވާހަކައާއި އެހެން ނޫންނަމަ ހުންނާނީ ގޭގައިކަމަށް ނަޝީދު ވިދާޅުވާ ވާހަކައަކީ އަޑުއަހަން ފަސޭހަ ނޫން، ޑިމޮކްރަސީއާއި ބީރައްޓެހި ވާހަކައެއް ކަމުގައެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ހާޒިރުވި މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުުން މަހުލޫފު ވިދާޅުވީ އިދިކޮޅު މެމްބަރުން ސަރުކާރަށް ނުދޭހާ ގެއްލުން ފާއިތުވި 4 އަހަރުތެރޭ އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ދީފިކަމުގައެވެ. އަދި މިސަރުކާރުން ކުރިޔަށް ގެންދާ އެތައް ހާސް ޕްރޮޖެކްޓަކީ ބިލާހަކަށް ހެދުމަށް އެ މެމްބަރުން މަސައްކަތް ކޮށްފައިވާ ކަމުގައިވެސް މަހުލޫފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.