އިމްރާނަށް ކުރެވޭކަމަށް ބުނާ ޖިންސީ ފުރައްސާރައާއި ގުޅޭ ސުވާލު ކުރަން ފުރުސަތެއް ނުދިން

އިމްރާނަށް ކުރެވޭކަމަށް ބުނާ ޖިންސީ ފުރައްސާރައާއި ގުޅޭ ސުވާލު ކުރަން ފުރުސަތެއް ނުދިން

Author
ހުސެއިން
17 ޖެނުއަރީ 2023 01:47
0

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ކުރެވޭކަަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ޖިންސީ ފުރައްސާރައާއި ގުޅޭގޮތުން ސުވާލު ކުރަން، މިއަދު ފުލުހުންގެ މުވައްސަސާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރުސަތު ދޭން ފުލުހުން ދެކޮޅު ހަދައިފިއެވެ.

ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އަމާޒުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޝޭޚް އިމްރާނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަމާޒުކުރާ ޖިންސީ ފުރައްސާރައާއި ގުޅޭގޮތުން ސުވާލު ކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވި ދިޔަރެސް ނޫހުގެ ނޫސްވެރިޔާއެވެ.

ކޮމިޝަނަރ އެމްސީ ހަމީދާއި އަދި ބޮލިސް ބޯޑުގެ ފަރާތުން ކުރީގެ ކޮމިޝަނަރ ފަސީހުވެސް ބައިވެރިވެ ވަޑައިގެންނެވި މި ނޫސްވެރިން ބައްދަލުވުމުގައި ދިޔަރެސްގެ ނޫސްވެރިޔާ ސުވާލު ކޮށްފައިވަނީ މިނިސްޓަރ އިމްރާން ފުލުހަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށާއި، މި ތުހުމަތުތަކާއި ގުޅޭގޮތުން އިމްރާން ޖަވާބެއް ދެއްވުން އެދޭ ކަމުގައެވެ.

އަދި ނޫސްވެރިޔާ ވިދާޅުވެފައިވަނީ ޝޭޚް އިމްރާނަކީ ޕޮލިސް ބޯޑުގައި އިންނަވާ ބޭފުޅަކަށް ވާތީއާއެކު އެ ތުހުމަތުތަކަށް މިނިސްޓަރ އިމްރާން ޖަވާބުދާރީ ވެވަޑައިގަންނަވަންވާނެ ކަމުުގައެވެ.

އެހެންނަމަވެސް ނޫސްވެރިޔާގެ ސުވާލުގެ މެދުތެރެއިން ނޫސްވެރިންގެ ބައްދަލުވުން މޮޑެރޭޓް ކުރައްވަމުން ގެންދެވި ބޭފުޅަކު ވިދާޅުވެފައިވަނީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވާނީ ނޫސްވެރިންގެ ބައްދަލުވުމުގެ މައޫޟޫއުގެ ތެރެއިން ކަމަށެވެ.

އަދި ސުވާލު ނިމުމާއެކު، ނޫސް ކޮންފަރެންސް މޮޑެރޭޓް ކުރައްވަމުން ގެންދެވި ބޭފުޅާ ވިދާޅުވެފައިވަނީ ޕެނަލްގައި ތިއްބެވި ބޭފުޅުނަށް ޖަވާބު ދިނުމުގެ ފުރުސަތު އޮތީ ނޫސްވެރިންގެ ބައްދަލުވުން އަމާޒު ކުރެވިފައިވާ ދާއިރާގެ ތެރޭގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމުގައެވެ.

އެއަށްފަހު ނޫސްވެރިޔާގެ ސުވާލަށް ޕެނަލްގައި ތިއްބެވި އެއްވެސް ބޭފުޅަކު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.