އިންގްލޭންޑުގެ ލޮކްޑައުން މުއްދަތު ޑިސެމްބަރު 2 އަށް ހަމަވުމުން އެކަށީގެންވާ އަދަދަކަށް އިނގިރޭސި ދަނޑުތަކަށް ސަޕޯޓަރުން ވަނުމަށް ހުއްދަ ދޭނެކަން އެ ގައުމުގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާނުކުރެއްވި ގޮތުގައި ލޮކްޑައުން އަށް ފަހު ތިން ކެޓަގަރީ އަކަށް ބަހާލައިގެން ލުއި ދޭ ގޮތަށް ހަމަޖައްސާފައި ވާއިރު ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ހުއްދަދޭނީ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން ކަނޑައަޅާފައިވަނީ ކެޓަގަރީ އެކެއްގައި އޮންނަ ސަރަހައްދުތަކުގެ ދަނޑުތަކަށް 4000 ސަޕޯޓަރުންނަށް ވަދެވޭ ގޮތަށެވެ. ކެޓަގަރީ ދޭއްގައި އޮތް ސަރަހައްދުތަކުގެ ޓީމުތަކަށް 2000 ސަޕޯޓަރުން ދަނޑަށް ވެއްދޭނެ އެވެ. އެންމެ ރިސްކު ބޮޑު ކެޓަގަރީ ތިނެއްގައި އޮންނަ ސަރަހައްދުތަކުގެ ޓީމުތަކަށް އަދި ސަޕޯޓަރުން ނުވެއްދޭނެ އެވެ.
މިހާރު ކޮވިޑް-19ގެ ރިސްކު އޮތްގޮތާއި އާ ކެޓަގަރީތައް ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު، ބޮޑުވަޒީރު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އާ ސަރަހައްދުތައް ކެޓަގަރީ ކުރުމަށްފަހު އަންނަ ބުރާސްފަތި ދުވަހު އިއުލާން ކުރުމަށް ކަމަށެވެ. ލީގުގެ ޗީފް އެގްޒެކްޓިވް ރިޗާޑް މާސްޓާސް ވިދާޅުވީ ސީޒަނުގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދާ ކުޅޭނަމަ މާލީ ގޮތުން ކްލަބްތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.
އިގިރޭސި ސަރުކާރުން ކެޓަގަރީތައް ބަހާފައި އޮތްގޮތަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުން މި ވަގުތު 4000 ސަޕޯޓަރުން ވެއްދޭ ކެޓަގަރީގައި އޮތް ޓީމުތަކަކީ ބްރައިޓަން އާއި ސައުތެމްޓަންގެ އިތުރުން ލެސްޓާ ސިޓީ އެވެ. އަދި ކެޓަގަރީ ތިނެއްގައި ސަޕޯޓަރުން ނުވެއްދޭ ބައިގައި އޮތް ކްލަބްތަކުގެ ތެރޭގައި ލިވަޕޫލް، އެވަޓަން، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޝެފީލްޑް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑް ހިމެނެ އެވެ.