ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޗަނުން ކުރިއަށް ގެންދާއިރު، އިންތިޚާބުގެ މައި މަރުކަޒު ހަދަން ބޭނުންވާ ޖާގައިގެ ދަތިކަން މިވަގުތު ކުރިމަތިވެފައިވާކަމަށާ، އެފަދަ ޖާގައެއް ބޭނުންވާކަމަށް އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ފުވާދު ވިދާޅުވީ އިންތިޚާބީ މައި މަރުކަޒެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. އެންމެފަހުން ބޭއްވި ބޮޑެތި އިންތިޚާބުތަކުގައި އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބުތަކާ ބެހޭ މައި މަރުކަޒަކަށް ބޭނުންކުރަމުން އައީ ބާޖަމާލުއްދީން ޢިމާރާތެވެ. އެހެންނަމަވެސް އަރަބިއްޔާ ސްކޫލްގެ އާ ޢިމާރާތާއި ޖަމާލުއްދީން ސްކޫލްގެ އެނެކްސް އިމާރާތް އަޅަން އެތަން ހުސްކޮށް މިހާރުވަނީ ބާޖަމާލުއްދީން ޢިމާރާތް ތަޅާވެސް ލާފައެވެ.
ފުވާދު ވިދާޅުވީ ބާ ޖަމާލުއްދީން ސްކޫލު އިމާރާތުން އެލެކްޝަންސް ކޮމިޝަން ނުކުންނަން ޖެހުމުން ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ. އެކޮމިޝަނުގައި ޖުމުލަ 12 ސެކްޝަން އޮންނައިރު އާންމު ގޮތެއްގައި 4 ސެކްޝަން ނުވަތަ 6 ސެކްޝަން ހިންގަމުން އަންނަނީ އިންތިޚާބީ މަރުކަޒުގައި ކަމަށް ފުވާދު ވިދާޅުވިއެވެ. ބާޖަމާލުއްދީނުން ނުކުންނަން ޖެހުމާއެކު މިހާރު ހުރިހާ ސެކްޝަންތަކެއްގެ މަސައްކަތްތައް ކުރަމުން އަންނަނީ އެކޮމިޝަނުގެ މައި އޮފީހުގައި ވަރަށް ދަތި ގޮތަކަށްކަމަށް ފުވާދު ވިދާޅުވިއެވެ.
މިމައްސަލަ ޙައްލުކުރުމަށް ރިޔާސީ އިންތިޚާބުގެ މަސައްކަތަށް ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށް މިހާރު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަކަމަށް ފުވާދު ވިދާޅުވިއެވެ.