ސްރީ ލަންކާގެ ކުރީގެ ދެ ރައީސުން ކަމުގައިވާ މަހިންދަ ރާޖަޕަކްސާއާއި އޭނާގެ ކޮއްކޮ ގޮޓަބަޔަ ރާޖަޕަކްސައާއި ދެކޮޅަށް ކެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
ސްރީ ލަންކާގެ ރައީސްކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ގޮޓަބަޔަ ރާޖަޕަކްސައާއި އަދި އެގައުމުގެ ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސައާއި ދެކޮޅަށް ކެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 1983 އިން 2009 އާއި ހަމައަށް އެގައުމުގައި ކުރިޔަށްދިޔަ އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ތަމަޅައިންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ހިންގުމުގައި މި ދެބޭފުޅުންވެސް ޒިންމާވާން ޖެހޭނެ ކަމަށް ބުނެއެވެ. ދެ ރައީސުންގެ އިތުރުން އިތުރު ދެ އޮފިޝަލެއްވެސް ދަތިކުރުމުގެ ފިޔަވަޅު އެޅި މީހުންގެ ލިސްޓްގައި ކެނެޑާއިން ހިމަނާފައި ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ އަސްކަރީ ދެ އޮފިޝަލުން ކަމުގައިވާ ސްޓާފް ސާޖަންޓް ސުނިލް ރަޓްނަޔަކެ އާއި ލެފްޓިނެންޓް ކޮމާންޑަރ ޗަންދަނަ ޕްރަސާދު ހެޓިއަރައްޗިއެވެ. މި ދެ އޮފިޝަލުންނަކީ އިންސާނިޔަތާއި ޚިލާފް ޖަރީމާތައް ހިންގުމުގެ ކުށުގައި މީގެ ކުރިން އެމެރިކާއިންވެސް ދަތިރިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދެމީހުންނެވެ.
މީގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް ސުނިލް ރަޓްނަޔަކެއަކީ އާންމުންގެ 8 މީހަކު މެރުމުގެ ކުށުގައި ސްރީ ލަންކާގައި 2015ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. އޭނާ ޖަލުން މިނިވަން ވެފައިވަނީ ގޮޓަބަޔަ ރާޖަޕަކްސަ ވެރިކަމަށް ވަޑައިގެން 2020 ވަނަ އަހަރު އޭނާއަށް މާފް ދެއްވުމާއި ގުޅިގެންނެވެ.
ސްރީ ލަންކާގައި 26 އަަހަރު ވަންދެން އެގައުމުގެ ސަރުކާރާއި ލިބަރޭޝަން އޮފް ޓައިގާސް ޓެމިލް އީލާމް (LTTE) އާދެމެދު ކުރިޔަށްދިޔަ އަހުލީ ހަނގުރާމާގައި އެތައް ހާސް މީހުން މަރުވެފައި ވެއެވެ. އަދި މިހަގުރާމާއި ދެފަރާތުންވެސް އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ހިންގާފައިވާކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
ކެނެޑާގެ ފޮރިންގ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްރީ ލަންކާގެ ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އަދާ ކުރާންޖެހޭ ޒިންމާތަކާއި ގުޅޭގޮތުން އެގައުމުން ދެފުއް ފެންނަގޮތަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމުގައެވެ.
ކެނެޑާގެ ފޮރިންގ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ލާއިންސާނީ އަމަލްތައް ހިންގާފައިވާ ފަރާތްތައް ޒިންމާދާރު ކުރުމަށް ސްރީ ލަންކާގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތައް ކޮށްފައި ނުވާތީ، ސުލްހަ ގާއިމް ކުރުމާއި ހަނގުރާމާގައި އަނިޔާ ލިބުނު މީހުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ.
"މި ފިޔަވަޅުތަކުން ފޯރުކޮށްދޭ މެސެޖަކީ، އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކަށް ހިންގާފައިވާ ފަރާތްތަކަށް ހިމާޔަތް ދީފައިވާ ވުން ކެނެޑާއިން ބަލައި ނުގަންނާނެ ކަމުގެ މެސެޖް،" ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މަހިންދަ ރާޖަޕަކްސަ އަދި ގޮޓަބަޔަ ރާޖަޕަކްސަގެ ވެރިކަމުގައި، ހަނގުރާމައިގެ ލާއިންސާނީ ޖަރީމާތައް ބަލާ ތަހުގީގު ކުރުމަށް ޔޫއެންއިން ކުރި މަސަައްކަތްތަކަށް ދެބޭފުޅުންވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.
ކޮމެންޓު ފޮނުވާ