ނަޝީދު މިގައުމުގެ ވެރިކަމަށް ގެންނަން ހެޔޮ ނުވާނެ: ޔައުގޫބު

ނަޝީދު މިގައުމުގެ ވެރިކަމަށް ގެންނަން ހެޔޮ ނުވާނެ: ޔައުގޫބު

Author
ހުސެއިން
11 ޖެނުއަރީ 2023 12:22
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން ހެޔޮ ނުވާނެ ކަމުގައި އެޕާޓީގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ވަރުގަދަވެ، އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނާއި ނަޝީދު ފެކްޝަންގެ ބަހުގެ ހަމަލާތައްވެސް ހޫނެވެފައި ވަނިކޮށް ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ނަމަ ނަތީޖާއަކަށް ވެގެންދާނީ ރާއްޖެ ބަގުރޫޓު ވެގެން ދިއުން ކަމަށާއި، އެފަދަ ހާލަތަކަށް އައިސްފިނަމަ ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތައް ރާއްޖެ ދޫކޮށް ދާނެކަމަށެވެ.

އަދި އެ ހާލަތުގައި ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ވަގުތުން ފައިސާ ދައްކާން ޖެހި، ރާއްޖެއަށް ލޯނު ދޭނެ ފަރާތެއްވެސް ނުވާނެކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

އޭރުން މުޅި ގައުމު އަނދަވަޅަކަށް ވެއްޓުނީ. ގައުމުގެ ވިޔަފާރިތައް ބަނގުރޫޓުވީ. ގައުމުގެ އިގްތިސާދު ހަލާކުވީ. ގައުމު ފުން އަނދަވަޅަކަށް ވެއްޓުނީމަ އޭގެ މާނައަކީ ރައްޔިތުން ނިކަމެތިވެ ހާލުގައި ޖެހުނީ. ލަންކާ އަށް ވުރެ ނުބައި ހާލަތަކަށް އެހާލަތުގައި ދިވެހިރާއްޖެ ދާނެ. ރާއްޖެއަކީ ހުރިހާ އެއްޗެއް ބޭރުން ގެނެސްގެން މެނޭޖްކުރަމުންދާ ގައުމެއް.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ ނަޝީދު ވެރިކަމަށް ގެންނަން ހެޔޮ ނުވާނެކަމަށް އޭނާ ދެކެނީ އޭނާ ގައުމު ދެކެ ލޯބިވާތީ ކަމުގައެވެ.

އެހެންވީމަ އަޅުގަނޑު މިގައުމު ދެކެ ލޯބިވާތީ މި ދަންނަވަނީ ރައީސް ނަޝީދު މިގައުމުގެ ވެރިކަމަށް ގެންނަން ހެޔޮ ނުވާނެއޭ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގައި، އެޕާޓިގެ ޕާލަމެންޓްރީ ގުރޫޕްވަނީ ދެބަޔަކަށް ބެހިފައެވެ. އޭގެ ތެރޭގައި ޔައުގޫބަކީ ރައީސް ސާލިހުގެ ފެކްޝަނަށް ތާއީދު ކުރާ މެމްބަރެކެކެވެ. އަދި އޭނާ ގެންދަވަނީ ޕްރައިމަރީގައި ރައީސް ސާލިހަށް ކެމްޕޭންވެސް ކޮށްދެއްވަމުންނެވެ.

މިހާރު ކުރިޔަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންކަމަށްވާ އެޕާޓީގެ އިސްލީޑަރު ރައީސް ސާލިހާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނި މިމަހުގެ 28ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަހީދު
ފުލެޓެއް ދެނިކޮށް ތިޔަވާހަކަ ބަދަލު ކޮށްލެވިދާނެ.