ރައްޔިތުންގެ މަޖިލީސް ތެރެއިން ވަކި މެންބަރުންތަކަކާއި އިދިކޮޅު ޕީޕީއެމުން މި ސަރުކާރަށް އަބަދުވެސް ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ނ. ކެނދިކުޅުދުއަށް ވަޑައިގެން ރައީސް ވިދާޅުވީ ފެށުނީއްސުރެ ސަރުކާރަށް ކުރިމަތިވަމުންދިޔަ ގޮންޖެހުންތައް ހުރަސްކޮށް ހަތަރު އަހަރު ތެރޭ އެހެން އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭހާ ހިދުމަތް މި ސަރުކާރަށް ކޮށްދެވިއްޖެ ކަމަށެވެ. އަދި ކޮންމެ ފަސް އަހަރެއްގެ ހިސާބު ޖެހުމުން އެކަން ސާބިތުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފެށުނީއްސުރެ މި ސަރުކާރަށް ގޮންޖެހުންތަކެއް މަޖިލިސް ތެރެއިންނާއި އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވެސް ކުރިމަތިވި.
– ރައީސް ވިދާޅުވިއެވެ.
ގިނަ ގޮންޖެހުންތަކަކާއި ހުރަސްތަކެއް ހުރި ނަމަވެސް މި ސަރުކާރުން އެ ކަންކަން ހުރަސްކޮށް، ކެތްތެރިކަމާއި އެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދީފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުންނާއި އިދިކޮޅު ޕީޕީއެމުން ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކޮށް ކޮންމެ ރަށަކަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ އިތުރުން ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މިފަދައިން ކޮންމެ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގުމަކީ އިސްރާފެއް ނޫން ކަމަށާއި، އެގޮތަށް ދެކިގެން ނުވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ ކެމްޕޭނަށް ވަޑައިގެން ކޮންމެ ރަށެއްގައި އެމަނިކުފާނު ތަކުރާރު ކުރައްވާ ވާހަކަފުޅެކެވެ. އޭގެ އިތުރަށް އެމަނިކުފާނު ގެންދަވަނީ ކޮންމެ ރަށެއްގައި ވެސް ހިނގަމުންދާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާ, ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.
ކޮމެންޓު ފޮނުވާ